މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކުރާ ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކުލަވައިލައްވައިފި އެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ޢަބްދުﷲ ސަޢީދު، ހިއުމަން ރައިޓްސް ކޮމިޝަނުން ކަނޑައަޅާ އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ޖީހާން މަހުމޫދު، ޔޫތު މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއްގެ ގޮތުގައި ޑެޕިއުޓީ ޑިރެކްޓަރު މަރްޔަމް ޒޫނާ، އެޓާނީ ޖެނެރަލް ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ސްޓޭޓް އެޓާނީ އައިޝާ ނައީމް، ޕްރޮސިކިއުޓަ ޖެނެރަލް ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަ ގްރޭޑް ތިނެއް، މަޙްމޫދު ސަލީމް، ކޮންޓްރޯލަ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަނޑައަޅާ އެ ޑިޕާޓްމަންޓްގެ މުވައްޒަފެއްގެ ގޮތުގައި ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުޙަންމަދު ޝިފާން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއްގެ ގޮތުގައި އެސިސްޓެންޓް ޑިރެކްޓަރު އަލްފާޟިލާ ހަދީޖާ ނަޖީހާ،
މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަނޑައަޅާ އެ ސާވިސްގެ އޮފިސަރެއްގެ ގޮތުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހަސަން ޙަބީބު، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ކަނޑައަޅާ އެ ސާވިސްގެ އޮފިސަރެއްގެ ގޮތުގައި ޗީފް ސުޕްރިންޓެންޑެންޓް މުހަންމަދު މަސީހު، ލޭބަ ރިލޭޝަންސް އޮތޯރިޓީން ކަނޑައަޅާ އެ އޮތޯރިޓީގެ މުވައްޒަފެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިޝަތު ނަފްއާ އަޙްމަދު، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއްގެ ގޮތުގައި އިންސްޕެކްޓަ ޖެނެރަލް އޮފް ކަރެކްޝަނަލް ސާވިސް ހުސައިން ރަޝީދު ޔޫސުފް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ އެމިނިސްޓްރީގެ މުވައްޒަފެއްގެ ގޮތުގައި މިނިސްޓަރުގެ ނައިބު އަލީ ވަހީދު، އަދި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެޑްވަކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން އިން ކަނޑައަޅާ އެ ޖަމްޢިއްޔާގެ މެންބަރެއްގެ ގޮތުގައި މުރުތަޟާ މޫސާ އެވެ.

ރައީސް އޮފީހުން ބުނީ ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރުގެ ނަން އެ މަޖިލީހުން ފޮނުއްވުމުން، އެބޭފުޅަކު މިކޮމިޓީގައި ހިމަނުއްވާނެ ކަމަށެވެ.