12 Dec 2013, 14:49
އަމިއްލަ ހޮސްޕިޓަލުތަކާއި ކްލިނިކް ތަކުން ދޫކުރާ ބޭސް ސިޓީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ބަލައި ގަނެ ތައްގަނޑު ޖެހުން ހުއްޓާލަން ސަރުކާރުން ނިންމައިފި އެވެ.
އެކަން ކުރިން ކުރަމުން އައީ ހެލްތު އިންޝުއަރެންސް އާސަންދައިގެ ހިދުމަތް ނުލިބޭ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ޑޮކްޓަރަށް ދެއްކުމަށް ފަހު ވެސް އާސަންދައިގެ ދަށުން ޓެސްޓްހެދުމާއި ބޭސްނެގުން ފަދަ ކަންތައްތައް ކުރެވޭނެ މަގު ފަހިކޮށް ދިނުމަށެވެ.
ކެބިނެޓްގެ ސޯޝަލް ކައުންސިލުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޑރ. ޝަކީލާ ވިދާޅުވީ ދެން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.
"ބޭސްސިޓީގައި ތައްގަނޑު ޖެހުމައްޓަކާ އެބަ އާދޭ. މީގަ ބަލާލި އިރުގަ، ގާނޫނީ ލަފާ ހޯދަމުން ދިޔަ އިރުގަ މިސާލަކަށް ބަލާއިރުގައި އަޅުގަނޑު ލިޔާ ސިޓީއަކަށް ދެން އައިޖީއެމްޗެގައި އިންނަވާ ބޭފުޅަކު އެއްވެސް ބަލާލުމެއް ނެތި އަނެއްކާ މިއެންޑޯޒް ކޮށްލަނީ. މީގެ ސަބަބުން ލީގަލް ވަރަށް ބޮޑެތި އިޝޫޒްތަކެއް [މައްސަލަތަކެއް] މިހާރު ނިކުމެއްޖެ. އެހެންކަމާ އެކީގަ މީގެ ފަހަކުން އެހެނެއް ނެހެދޭނެ،" ޑރ. ޝަކީލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ ނިންމުންތަކުގެ ސަބަބުން ސިއްހީ ހިދުމަތްދޭ އަމިއްލަ ފަރާތްތަކަށް ވެސް ކުރިއެރުން އަންނާނެ ކަމަށާއި ސަރުކާރުންދޭ ހިދުމަތަށް ވެސް ކުރިއެރުން އަންނާނެ ކަމަށެވެ. އަދި އެއީ އާސަންދައަށް ވެސް ލުޔެއް ލިބޭނެ ކަމެއް ކަމަށެވެ.
"ހަމަޖެހިގެން މިދާ އެއްބައި ޕޮލިސީ ތަކަކީ ފަހަރެއްގައި ރައްޔިތުންނަށް ހީފުޅުވެދާނެ، ވަކި ބަޔަކަށް އުނދަގޫވާނެ ކަންތައްތަކެއް ކަމަށް. އެހެން ނަމަވެސް އަސްލު ހަގީގަތުގައި އަޅުގަނޑުމެންގެ ހުރިހާ ޕޮލިސީތަކެއް ނިމިގެން ދާއިރުގައި، ޕްރައިވެޓް ސެކްޓާ ޑިވެލޮޕްމެންޓަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ، އެއާ އެކީގައި އައިޖީއެމްއެޗުން މިދެވޭ ހިދުމަތް، ސަރުކާރުން މިދެވޭ ހިދުމަތަށް ވެސް ކުރިއެރުން ލިބިގެންދާނެ، އަދި އިރާދަކުރެއްވިއްޔާ އާސަންދައަށް ވެސް އަންނަ ބުރަ ލުއިވާނެ،" ޑރ. ޝަކީލު ވިދާޅުވި އެވެ.