ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެ ޤައުމުގެ ރައީސް މަހިންދަ ރާޖަޕަކްސަ ދަޢުވަތު އަރުއްވައިފި އެވެ.

ލައްކާއަށް ވަޑައިގަތުމުގެ ދައުވަތު ދެއްވާފައިވާ ރާޖަޕަކްސާގެ ސިޓީފުޅު ރައީސް ޔާމީނަށް އެރުވީ ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑަބްލިޔޫޑަބްލިޔޫ އެމްއާރުއެސް ޑެލާ ރައީސްގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގަ އެވެ. އެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ދައުވަތު ގަބޫލުފުޅު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ލަންކާ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުވާ ކަމަށާޢި ލަންކާ އާއި ރާއްޖެއާ ދެ ގައުމަކީ ވަރަށް ތާރީހީ ގާތް ގުޅުމެއް އޮންނަ ދެ ގައުމުކަން ފާހަގަކުރެއްވި ކަމަށެވެ. އެ ގުޅުން އިތުރު ދާއިރާތަކަށް ފުޅާ ކުރެއްވުމާ ބެހޭގޮތުން ސަފީރާ ރައީސް މިއަދު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ރާއްޖޭގެއަށް މިހާރު ކުރިމަތިވެފައިވާ ޑޮކްޓަރުންގެ ދަތިކަމަށް ޙައްލެއް ހޯއްދެވުމަށް ލަންކާގެ އެހީތެރިކަން ލިބޭނެ ގޮތްތަކާ ބެހޭގޮތުންނާއި، ތަޢުލީމީ ދާއިރާއާއި ދިފާޢީ ދާއިރާގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ލަންކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އެކުވެރިއެއް ކަމަށާއި، ރާއްޖެއަށް ވެދެވެން ހުރި އެހީތެރިކަމެއް ވެދެއްވުމަށް ސްރީލަންކާ ސަރުކާރުން އަބަދު ވެސް ތައްޔާރަށް އޮތް ކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި ސަރުކާރުން ސްރީލަންކާ ސަރުކާރަށް ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރުއަދާ ކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކަންތައްތައް ނިމިގެންދިޔަ ގޮތާމެދު ތަޢުރީފު ކުރައްވައި، ރާއްޖޭގައި މި ބޭއްވުނު ސުލްޙަވެރި އިންތިޙާބަކީ މި ސަރަޙައްދަށްވެސް ނަމޫނާ އިންތިޙާބެއް ކަމުގައި ވިދާޅުވި އެވެ.

ރައީސަށް ވަނީ އަވައްޓެރި އިންޑިއާއަށް ވަޑައިގަތުމުގެ ދައުވަތު، އެ ގައުމުގެ ބޮޑުވަޒީރު މަންމޯހަން ސިންގު ވެސް ދެއްވާފަ އެވެ. ރައީސްގެ އިންޑިއާގެ ދަތުރުފުޅު މި މަހުގެ ތެރޭގައި ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.