12 Dec 2013, 14:03
ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނުގެ ކެބިނެޓް މިނިސްޓަރުން ދެ ގްރޫޕަކަށް ބައްސަވައި ދެ ކައުންސިލްގެ ގޮތުގައި ހަމަޖައްސަވައި އަދި އެއް ކައުންސިލް ބެލެހެއްޓެވުން ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާ ހަވާލުކޮށްފި އެވެ.
ކެބިނެޓްގައި އުފެއްދެވި ދެކައުންސިލަކީ އިކޮނޮމިކް ކައުންސިލާއި ސޯޝަލް ކައުންސިލެވެ. ދެކައުންސިލްގެ ތެރެއިން ސޯޝަލް ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއާއި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިޤު އިބުރާހީމެވެ.
ރައީސް އޮފީހުގައި އެކައުންސިލުން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމު ވިދާޅުވީ އެ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވަނީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަމަށެވެ.
".. އާއްމުކޮށް މުޅި ކެބިނެޓް މިހާރު މި ބައްދަލުކުރަނީ ވަރަށް ހާއްސަ ކަންތައްތަކެއްގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ހަމަކަތަކާ އުސޫލުތަކުގެ މަތިން. އޭގެ އިތުރުން ކެބިނެޓް މިވަނީ ދެބަޔަކަށް ބައްސަވާފައި. އެއީ ސޯޝަލް ކައުންސިލާއި އިކޮނޮމިކް ކައުންސިލް. އަޅުގަނޑުމެން ހަތަރު ވަޒީރުންނަކީ ސޯޝަލް ކައުންސިލްގެ ވަޒީރުން. އަޅުގަނޑުމެންގެ ރިޔާސަތު ބަލަހައްޓަވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލު،" ޑރ. ޝަހީމް ވިދާޅުވި އެވެ.