އެފްރިކާގެ މަލަބޯގެ ބާޓާގައި އިންޖީނު ހަލާކުވެފައިވާ އޮތް މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ ބޯޓުގައި މަސައްކަތް ކުރި ތިން ފަޅުވެރިއަކަށް ތިން މަހުގެ މުސާރަ ދީފައިނުވާ ކަމަށް އެ ފަޅުވެރިން މިއަދު ބުނެފި އެވެ.


އެމްއެންއެސްއެލްގެ އޮފީހުގެ ތެރޭގައި މުސާރަ ހޯދުމަށް ގޮސްތިބި މޯލްޑިވްސް އެންޓަޕުރައިސަސްގެ ފަޅުވެރިންގެ ތެރޭގައި ހިމެނޭ ވެލްޑަރު، މުހަންމަދު ޖަވާދު 39، ބުނީ އެ މީހުންގެ ތެރެއިން ކޮންމެ މީހަކަށް އެމްއެންއެސްއެލް އިން ދޭން ޖެހޭ 46،000ރ. އެބަ ހުރި ކަމަށާއި އޭގެތެރެއިން ދީފައި ވަނީ އެންމެ 10،000ރ. ކަމަށެވެ.


ބޯޓުގެ އިންޖީނު ހަލާކުވުމުން ރާއްޖެ އައިސް މަސް ދުވަސް ވެފައިވާ ޖަވާދު ބުނީ މުސާރަ ނުލިބި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އެ މީހުން ދިރިއުޅޭ ގޭގެ ކުއްޔާއި ކަރަންޓު ބިލާ ފެން ބިލު ވެސް ނުދެއްކޭ ކަމަށާއި މުސާރަ ބަލައި އައުމުން ކޮންމެ ފަހަރަކު ވެސް ބުނަނީ ކުންފުނީގައި "ލާރި ނެތް" ކަމަށެވެ.


"މިހާރު މިތަނަށް އަންނަތާ މިއީ ތިން ވަނަ ދުވަސް. އެންމެ ފަހުން އައި ދުވަހު ވެސް ބުނި މިއަދު އަންނާށޭ. އަޅުގަނޑުމެން ކޮންޓުރެކްޓެއް ހަނދައިގެން މަސައްކަތް ކުރީ. އެހެންވީއިރު ލާރި ލިބެން ޖެހޭނެ،" ޖަވާދު ބުންޏެވެ.


ނަން ނުޖެހުމަށް ޝަރުތުކޮށް އެވަގުތު އެތަނުގައި ހުރި އެމްއެންއެސްއެލްގެ އޮފިޝަލެއް ވިދާޅުވީ އެމީހުން މަސައްކަތް ކުރި ބޯޓުގެ އިންޖީނު ހަލާކުވެ "ބޭރު"ގައި ތާށިވެފައި ވުމުން ކުންފުންޏަށް “ލާރި ނުލިބޭ” ކަމަށާއި އެހެންވީމާ މުސާރަ ދޭން ނުޖެހޭ ކަމަށެވެ.


"އެމީހުން އެ ހަނދަނީ ހުސްދޮގު." އޮފިޝަލް ވިދާޅުވި އެވެ.


އެމްއެންއެސްއެލްގެ ޗެއާމަން މުހަންމަދު ޝަރީފު (ސެންކޯ) ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.


ބާޓާ ބަދަރުގައި އިންޖީނު ހަލާކުވެ، ތިން މަސް ދުވަސް ވެފައިވާ މޯލްޑިވްސް އެންޓަޕުރައިސަސްގައި 19 ދިވެހި ފަޅުވެރިއަކު އަދިވެސް އެބަތިއްބެވެ. ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ބޯޓުން ކާނާ އާއި ފައިސާ ހުސްވެ ހާލުގައި ޖެހުމުން ދާދިފަހުން ރެޑް ކުރޮސެންޓުން ވެސް ވަނީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ އެހީ ބޯޓަށް ނުލިބޭވ ކަމަށް ބޯޓުގެ ފަޅުވެރިން ބުންޏެވެ.


ބޯޓުގައި މަދިރި ގިނަވުމުގެ ސަބަބުން ބޯޓުގެ ގިނަ ފަޅުވެރިންތަކަކަށް މެލޭރިއާ ޖެހި ބާޓާ ހޮސްޕިޓަލުން ފަރުވާވެސް ހޯދާފައިވެ އެވެ.


އެމްއެންއެސްއެލް އިން މިހާރު ވަނީ އެބޯޓު ބާދަނގަޑުގެ ގޮތުގައި 2.6މިލިއަން ޑޮލަރަށް ވިއްކާލަން ނިންމާފަ އެވެ.