ގާނޫނީ ވަކީލެއްގެ ގޮތުގައި އަމިއްލަ ގޮތުން ކޯޓުގައި ވަކާލާތު ކުރެއްވުން ހުއްޓަވާލެއްވުމަށް ފަހު، ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުން މިދިޔަ މަހު އިސްތިއުފާ ދެއްވި އަހުމަދު މުއިއްޒު އަލުން އެނބުރި ކޯޓަށް ވަޑައިގެން ވަކާލާތު ކުރައްވަން ފައްޓަވަން ނިންމައިފި އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި އިންތިގާލީ ޕީޖީގެ މަގާމުން ފެށިގެން، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދާއިމީ ޕީޖީގެ މަގާމަށް ވަޑައިގެން، ހަ އަހަރު ދުވަހު އެ މަގާމު ފުރުއްވެވި މުއިއްޒު މިއަދު "ސަން"އަށް ވިދާޅުވީ މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި ވަކާލާތު ކުރައްވަން ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. ކޯޓަށް ވަކާލާތު ކުރައްވަން ވަޑައިގަންނަވަނީ ލޯފާމެއް މެދުވެރިކޮށް ނޫން ކަމަށާއި އަމިއްލަ ހައިސިއްޔަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ޕީޖީގެ މަގާމު ފުރުއްވާފައި ވިޔަސް، ކްރިމިނަލް ކޯޓަށް ވަޑައިގެން ވަކާލަތު ކުރެއްވުމަށް ހުރަހެއް އަދި ނެތެވެ. ނަމަވެސް މިހާރު ހުއްދަ ނަންގަވާފައި ވަނީ ސިވިލް ކޯޓުގައި ވަކާލަތު ކުރެއްވުމުގެ ހުއްދަ އެވެ.

މުއިއްޒު ވަނީ ސިވިލް ކޯޓުގައި ވަކާލާތު ކުރެއްވުމުގެ ހުއްދަ މި މަހުގެ ހަތަރު ވަނަ ދުވަހު ނަންގަވާފަ އެވެ.

"ވަކި ލޯފާމެއްގައި މަސައްކަތް ކުރާކަށް އަދި ނުފަށަން. ކްރިމިނަލް ކޯޓަށް ވެސް ވަކާލާތު ކުރުމަށް އަދި ދާނަން،" ސެޕްޓެމްބަރު 4، 2009ގައި މަޖިލީހުގައި ނެގި ވޯޓަކުން 71 މެންބަރުންގެ އަގުލަބިއްޔަތުން ލިބިވަޑައިގެންނެވި ޕީޖީގެ މަގާމު މިދިޔަ މަހު އިސްތިއުފާ ދެއްވި މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި ގާނޫނީ ވަކީލު ކަން ކުރެއްވުމުގެ ހުއްދަ މުއިއްޒަށް ލިބިވަޑައިގެންނެވީ 1990 ވަނަ އަހަރު އެވެ. އޭނާ ވަނީ 1990 ވަނަ އަހަރުން 1997 ވަނަ އަހަރަށް އެޓާނީ ޖެނަރަލް އޮފީހުގެ ސްޓޭޓް އެޓާނީކަމާއި ޑެޕިއުޓީ ޑިރެކްޓަރު ޕަބްލިކް ޕްރޮސެކިއުޝަންގެ މަގާމުގު ފުރުއްވެވި އެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ކައުންސެލްކަން ވެސް މުއިއްޒު އަދާ ކުރެއްވި އެވެ.

ޕީޖީގެ މަގާމުގައި މުއިއްޒު ހުންނަވަނިކޮށް އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހުގައި ނަގަން ތައްޔާރުވެފައި ވަނިކޮށް، މަގާމުން އޭނާ އިސްތިއުފާ ދެއްވީ ޕީޖީގެ ފަސް އަހަރުގެ ދައުރު ހަމަވާން ނުވަ މަހަށް ވެފައި ވަނިކޮށެވެ.