ދ. މީދޫން: މުހައްމަދު ޖުނައިދު

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ އިހްތިފާލްތަކުގެ ދަށުން މަސްވެރިންގެ ޓްރޭޑް ފެއާ މިއަދު މި އަތޮޅު މީދޫގައި ހުޅުވައިފި އެވެ.

ދ. މީދޫގައި މި އަހަރު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ފަށާފައި ވަނީ މިއަދު އެ ރަށަށް މަސްވެރިކަމުގެ ސިނާއަތުގެ ބޭފުޅުން ވަޑައިގަތުމުން ނެވެ.

ދ. މީދޫ ސްކޫލްގައި ކުރިއަށްދާ މަސްވެރިންގެ ޓްރޭޑް ފެއާގައި ހަތަރު ސްޓޯލެއް ހިމެނެ އެވެ. މިސްޓޯލްތަކަކީ ރާއްޖޭގައި މަސް ބޭރުކުމުގެ މަސައްކަތް އެންމެ ފުޅާކޮށް ކުރާ ތިން ކުންފުނި ކަމަށްވާ، ކޫއްޑޫ ފިޝަރީޒް، ހޮރައިޒަން ފިޝަރީޒް އަދި ފެލިވަރުގެ އިތުރުން އެމްޓީސީސީގެ ސްޓޯލްތަކެވެ.

މަސްވެރިންގެ ޓްރޭޑް ފެއާ ހުޅުއްވާދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ އުމަރު ޒާހިރެވެ.

ފެއާ ހުޅުއްވައިދެއްވުމަށް ފަހު ދެބޭފުޅުން ވަނީ ސްޓޯލްތައް ބައްލަވާލައްވާފަ އެވެ.

ކޫއްޑޫ، ހޮރައިޒަން އަދި ފެލިވަރުގެ ސްޓޯލްތަކުގައި އެކުންފުނިތަކުގެ މަހުގެ އުފެއްދުންތައް ދައްކާލަން ބަހައްޓާފައިވާ އިރު، އެއުފެއްދުންތަކުގެ ރަހަ ބެލޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެމްޓީސީސީގެ ސްޓޯލްގައި ދައްކާލާފައި ވަނީ އެކުންފުނިން ރާއްޖެ އެތެރެކުރާ ސުޒުކީ ބުރޭންޑުގެ އައުޓްބޯޑް އިންޖީންތަކެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރެ އެވެ.

މީގެ އިތުރުން ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސްކެނޑުމުގެ މުބާރާތަކާއި ބޮއްކުރާ ރޭސް އަދި ފެތުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިމުބާރާތްތަކަކީ އަންހެނުންނާއި ފިރިހެނުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތްތަކެކެވެ.

ދެދުވަހަށް ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިންނަށް ހާއްސަ ވޯކްޝޮޕްތަކެއްވެސް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން ކޯސްޓް ގާޑުގެ ފަރާތުން ކަނޑުމަތީގެ ރައްކާތެރިކަމާއި ސަލާމަތާ ބެހޭ ވޯކްޝޮޕަކާއި މަސްވެރިކަމުގެ ކުދި ވިޔަފާރީގެ މާލިއްޔަތު ބެލެހެއްޓުމާ ބެހޭ ވޯކްޝޮޕެއްގެ އިތުރުން ކުލައިމެޓް ޗޭންޖިންގް ފިޝަރީސް ޓްރަސްޓް ފަންޑާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.