12 Dec 2013, 11:16
ދައުލަތުގެ ބޭނުމަށް އައްޑޫ ސިޓީން ނަގާފައިވާ ގޯތިތައް އަލުން ދޫކުރުމަށް ގުރުއަތުލުން ބާއްވާނެ ތާރީޚު ސިޓީ ކައުންސިލުން އިއުލާންކޮށްފައި ވަނިކޮށް އެ ތާރީޚުގައި ގުރުއަތުލުން ނުބޭއްވުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އެފަދަ އަމުރެއް ނެރެފައި ވަނީ ގުރުއަތުލުން ބޭއްވުމަށް ސިޓީ ކައުންސިލުން ކުރި އިއުލާން ބާތިލްކުރުމަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ހިތަދޫ ކޯޓުން އެފަދަ އަމުރެއް ނެރެފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ގުރުއަތުލުން ބާއްވަން ކުރި އިއުލާން ބާތިލް ކުރުމަށް ސ. ހިތަދޫ، ޒެނާނާ، އިބްރާހީމް ނަސީރު އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެ އަމުރުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާގޮތުން ދައުލަތުގެ ބޭނުމަށް ނުވަތަ އާންމުވެގެންވާ މަންފާއަކަށްޓަކައި މީހެއްގެ މިލްކެއް ނަގަންޖެހިއްޖެނަމަ ނަގަންވާނީ ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެ މަތިން އެކަމަށް ކޯޓަކުން ކުރާ ހުކުމެއްގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.
ބަންޑާރަ ބިމަކީ މީހެއްގެ މިލްކަކަށް ނުވި ނަމަވެސް އެފަދަ ބިންތަކަކީ މީސް މީހުންގެ ކިބައިން ބަދަލުދިނުމަކާ ނުލައި ވަކިކުރެވޭނެ ހައްގުތަކުގެ ތެރޭގައިވާ ހައްގަކަށް ވާތީ ގާނޫނީ ހަމަތަކުގެ މަތިން ބަޔަކަށް ދޫކޮށްފައިވާ ގޯތިތަކެއް އެ މީހުންގެ ކިބައިން ވަކިކޮށް ދެ ވަނަ ފަހަރަށް ގުރުއަތު ލައިގެން ދޭދިނުމަކީ ގާނޫނީ ނިޒާމުން ބޭރުންކުރާ ކަމެއް ކަމަށް ވެސް އެ އަމުރުގައި ބުނެފައި ވެއެވެ.