12 Dec 2013, 10:41
"ފޭކު ފޭކު ހުސް ފޭކު! ރަނގަޅު އެއްޗެއް ނުހުންނަތާ މުދަލުގެ އަގުވެސް ވަކި ހެވެއް ނޫން. މަޖީދީމަގު ފިހާރަތަކުން ވެސް ހަމަ މިއަގުގައި އެބަލިބޭ. އަދި ބައެއް ރަށް ރަށުން މިއަށްވުރެ ހެޔޮއަގުގައި ވެސް ގިނަ މުދާތައް މިހާރު އެބަ ލިބޭ،" ރޭ ނިމުނު ނައިޓް މާކެޓުން ނުކުތް ހަސަންފުޅު ކިޔާ މީހަކު ބުންޏެވެ.
ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ވެސް ހާއްސަ މުނާސަބާތުތަކާ ގުޅުވައިގެން އެތަންތަނުގެ ވިޔާފާރި ކުރާ ފަރާތްތަކުން އެކި ނަންނަމުގައި ބޮޑެތި "ސޭލް"ތައް އަޅުވަ އެވެ. އެގޮތުން ރާއްޖޭގައި ވެސް ރޯދަމަހާއި، އީދާއި އަދި މިނިވަން ދުވަސް ފަދަ ހާއްސަ މުނާސަބަތުތަކާ ގުޅުވައިގެން ވިޔަފާރިވެރިން އެތަންތަނުގައި ނުވިކި ގިނަ ދުވަސްވެފައި ހުންނަ މުދާކޮޅު އާންމުންނަށް ހެޔޮ އަގެއްގައި ދޫކޮށްލަ އެވެ.
http://www.sun.mv/albums/l_21690.jpg
ނައިޓްމާކެޓްގެ ތާރީޚް:
ރާއްޖޭގައި މިގޮތަށް ބޭއްވޭ ވިޔަފާރީގެ އީދަކީ މަގުމަތީ ބާޒާރު ނުވަތަ "ނައިޓް މާކެޓް" އެވެ. މީގެ 23 އަހަރު ކުރިން "މިނިވަންކަމަށް 25 އަހަރު" ފުރުމާ ގުޅުވައިގެން ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވަން ފެށި އެ ބާޒާރަށް އޭރު އާންމުންގެ ތަރުހީބު އިންތިހާއަށް ލިބުނެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތްތާއެވެ. އޭރު ފިހާރަތަކުގައި ވިއްކަން ހުންނަ ގިނަ ދުވަސްވީ މުދާތައް ޗާނދަނީ މަގުގެ އެއްކޮޅުން އަނެއް އަތުރާލާފައި ހުންނަ އިރު އެ މުދާތައް ވިއްކާލަނީ އެންމެ އާދައިގެ މީހާއަށް ވެސް ދެވަނަ ވިސްނުމަކަށް ނުގޮސް ގަނެލަން ކެރޭވަރަށް ކުޑަކޮށްފަ އެވެ. ބައެއް މުދާތަކުން 50 އިންސަތަ އަގު ހެޔޮކޮށް ވިއްކާއިރު އަނެއްބައި މުދާތަކުން 80 އަދި 90 އިންސައްތައަށް އަގު ހެޔޮކޮށް އޭރު ވިއްކި އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާއިން އޭރު ފެށި ވިޔަފާރި އީދުގެ އުފާވެރިކަން ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ އަވަށްޓެރި ގައުމުތަކުގެ ރައްޔިތުން ވެސް ކުރަމުން ގެންދިޔަ އެވެ. އެ މީހުންނަށް އަމިއްލަ ގައުމުން މުދާ ލިބޭ އަގަށްވުރެ ހެޔޮ އަގުގައި ރާއްޖޭގެ މަގުމަތީ ބާޒާރުން މުދާ ލިބުމުން އެމީހުންގެ ގައުމަށް އެ މާކެޓުން ތަކެތި ފޮނުވާ ކަމަށްވެ އެވެ.
"އެދުވަސްވަރު ޗާނދަނީ މަގުގައި އަހަރަކު އެއްފަހަރު ބާއްވަމުން ގެންދިޔަ މަގުމަތީ ބާޒާރުން، ޒީނަތްތެރިވާ ސާމާނާއި ގޭތެރެއާއި ބަދިގެއަށް ބޭނުންވާ ސާމާނު ހެޔޮއަގުގައި ގަނެގެން ވަރަށް ގިނަ ބޭރު މީހުން ގެންދޭ. ފިހާރައިގައި ނުވިކި އަހަރެއްހާ ދުވަސް ވެފައި ހުންނަ ސާމާނުތައް ހުސްކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެއް އެއީ. އެއީ ބޭނުން ނުކޮށްހުރެ ގިނަދުވަސް ވެފައި ހުންނަ މުދަލަށް ވީމައި އެ ގަންނަ ފަރާތަށް ވެސް ހެޔޮއަގުގައި ލިބުމުން ތިބެނީ ވަރަށް އުފަލުން. ދެފަރާތަށް ވެސް ފައިދާ،" މަގުމަތީ ބާޒާރުގެ ތާރީހްގުއި ކޮންމެ ފަހަރަކުހެން ބައިވެރިވަމުން އަންނަ ވިޔަފާރިވެރިޔަކު ބުންޏެވެ.
ޗާނދަނީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުން ފެށިގެން ޗާނދަނީ މަގާއި ފަރީދީ މަގާ ގުޅޭ ހިސާބު ދެމެދުގައި ފެށި ބާޒާރަށް ޖާގައިގެ ދަތިކަން މެދުވެރިވާން ފެށުމުން ފަރީދީ މަގު ފަހަނަޅައި ޖުމްހޫރީ މައިދާނާ ހިސާބަށް ވެސް ދަމައިލި އެވެ. އެހެން ނަމަވެސް ފަހުން ދިމާވި އެކިއެކި މައްސަލަތަކާ ހުރެ 1999 ވަނަ އަހަރު ބާޒާރު ބޭއްވުން ހުއްޓުމަކަށް ގެންނަން ޖެހުނެވެ. ތިން އަހަރުގެ މެދު ކެނޑުމަކަށް ފަހު ދެން ނައިޓްމާކެޓް ބާއްވަން ފެށި، ބޮޑު ތަކުރުފާނު މަގުން ސްޓޭޑިއަމާވީ ދިމާގަ އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި 2006 ވަނަ އަހަރު ނައިޓްމާކެޓް 500 މޭޒާއެކު ދިހަ ދުވަހަށް ދެމިގެން ދިޔައިރު އެތަނަށް ރެއެއްގެ މައްޗަށް 15.000 މީހުން ޒިޔާރަތް ކުރެ އެވެ. އަދި އެއިން ކޮންމެ މޭޒަކުން ވެސް ރެއެއްގެ މައްޗަށް 5،000ރ. އަށްވުރެ މަތީގެ ވިޔަފާރި ވާކަމަށްވެ އެވެ.
މަގުމަތީ ބާޒާރުގެ ކޮންސެޕްޓް ބަދަލުވުން:
ވިޔަފާރިވެރިންގެ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވަމުން ގެންދިޔަ ނައިޓް މާކެޓް 2011 ވަނަ އަހަރު ބޭއްވީ ލޮނުޒިޔާރަތް ކޮޅުގަ އެވެ. އޭރުގަ ވެސް ނައިޓް މާކެޓުން މޭޒުތައް ދޫކުރަނީ ހަމަ އެކަނި، ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފިހާރަ ވެރިންނަށެވެ.
http://www.sun.mv/albums/l_21691.jpg
ވިޔަފާރިވެރިންގެ އަތްދަށުން ނައިޓްމާކެޓް ގެއްލުނީ މިއަހަރު އެވެ. ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާއިން އިންތިޒާމް ކުރަމުން ގެންދިޔަ ބާޒާރު، މާލޭ ސިޓީ ކައުންސިލްގެ އަތްދަށަށް ގެނައި ހިސާބުންނެވެ. މިއަހަރު ވިޔަފާރިވެރިންގެ ޖަމިއްޔާއިން ނައިޓް މާކެޓް ބާއްވަން އުޅުމުން މާލޭ ސިޓީ ކައުންސިލުން ވަނީ އެކަމަށް ހުއްދަ ނުދީފަ އެވެ. އަދި ޒަމާނުއްސުރެން މަގުމަތީ ބާޒާރު އިންތިޒާމްކޮށް ހިންގަމުން ގެންދިޔަ ވިޔަފާރިވެރިންގެ ޖަމިއްޔާ އަށް ހުއްދަ ދިނުމުގެ ބަދަލުގައި ނައިޓު މާކެޓް ހިންގަން މިފަހަރު ސިޓީ ކައުންސިލުން ހުއްދަ ދިނީ ގޯމީޑިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏަކަށެވެ. އެހިސާބުން ނައިޓް މާކެޓްގެ ތާރީހް ބަދަލުކޮށްލި އެވެ.
ގޯމީޑިއާ އަށް ނައިޓްމާކެޓް ހިންގުމުގެ ހުއްދަ ސިޓީ ކައުންސިލުން ދިނުމުން އެ ކުންފުނިން ވަނީ، މާކެޓް ބޭއްވުމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށް ވެސް އެ ފުރުސަތު ލިބޭގޮތަށް ހުޅުވައިލާފަ އެވެ. އެއީ ކޮންމެހެން ވިޔަފާރި ކުރުމުގެ ހުއްދައެއް އޮންނަ ފަރާތަކަށް ވާކަށް ނުޖެހެ އެވެ. އެ ހިސާބުން ވިޔަފާރިވެރިންގެ ޖަމިއްޔާއާ ސިޓީ ކައުންސިލާ ދެމެދު ހިތްހަމަ ނުޖެހުންތަކެއް އުފެދި މައްސަލަ ޝަރީއަތާ ހަމައަށް ގެންދިއުމަށް ވެސް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވިސްނި އެވެ.
http://www.sun.mv/albums/l_21692.jpg
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނާއިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ސިޓީ ކައުންސިލުން ނައިޓްމާކެޓް ބާއްވާ ގޮތުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ހަމަ އެހެންމެ ވިޔަފާރި ވެރިން ސަރުކާރަށް ދައްކަން ޖެހޭ ޓެކުހާއި އެހެނިހެން ފީތައް ދެއްކުމަށް ވެސް ބޮޑެތި އޮޅުންތަކެއް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނައިޓްމާކެޓް އިންތިޒާމްކޮށް ބާއްވަމުން ގެންދިޔަ އިރު ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް އެކަނި ހުއްދަ ދިނީ. އެކަމަކު ގޯމީޑިއާ އިން މިހާރު އެ ހަދާގޮތަކީ ބޭނުން ކޮންމެ ފަރާތަކަށް އެ ފުރުސަތު ދެނީ. އެހެން ހެދުމުން ހުއްދަ ނަގައިގެން ވިޔަފާރި ކުރާ ފަރާތްތަކަށް ފުރުސަތު ގެއްލި ވިޔަފާރިތަކަށް ވެސް އެބަ އަސަރު ކުރޭ،" އާސިފު ވިދާޅުވި އެވެ.
http://www.sun.mv/albums/l_21693.jpg
ވިޔަފާރީގެ ހުއްދަ ނޯންނަ ފަރާތްތަކަށް ނައިޓް މާކެޓުން ފުރުސަތު ދިނުމުގައި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހިޔާލު މިގޮތަށް ހުއްޓަސް ގޯމީޑީއާގެ ހިޔާލު ވަރަށް ތަފާތެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ކުރިން ވެސް އޮންނަނީ ހަމަ މިގޮތަށް. އޭރުވެސް ބޭނުން ކޮންމެ މީހަކަށް ބައިވެރި ވެވޭ ގޮތަށް އޮންނަނީ. އެއީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން އޮޅުވާލައިގެން ދައްކާ ވާހަކައެއް،" ގޯ މީޑީއާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ، ވިޔާފާރި ކުރުމުގެ މިފަދަ ފުރުސަތުތައް އޮންނަން ޖެހޭނީ ވަކި ބަޔަކަށް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ކޮންމެ ބަޔަކަށް ވެސް އެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ނުދެކެން މިގޮތަށް އެ ފުރުސަތު ހުޅުވާލުމުން އޭގެ ސަބަބުން ވިޔަފާރިވެރިންނަށް ވާނެ އެއްވެސް ގެއްލުމެއް އޮތް ކަމަކަމަށް. ތިޔައީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން އާންމުންނަށް އޮޅުވައިލަން ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް. ވަކި ބަޔަކަށް ނޫން، ހަމަ އެންމެނަށް ވެސް ފުރުސަތު ދޭންވީ. އެންމެންގެ ޖީބަށް ފައިސާ ވަނީމަ، އިކޮނޮމީއަށް ވެސް އޭގެ ފައިދާ ކުރާނެ،" ގޯމީޑިއާގެ ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.
http://www.sun.mv/albums/l_21694.jpg
ނައިޓް މާކެޓް މިހާރު ކުރިއަށް ގެންދާ ގޮތާ ބެހޭގޮތުން އެތަނުގައި ސްޓޯލްތައް ހަދައިގެން ތިބި ފަރާތްތަކާވެސް ސުވާލުކޮށް ހިޔާލު ހޯދައިލީމެވެ. އެގޮތުން ނައިޓް މާކެޓްގެ މޭޒެއްގެ މަތީގައި ގިނަ އަދަދެއްގެ މުދާ އަތުރާލައިގެން އިން މެދު އުމުރުގެ މީހެއް ކައިރީގައި އެތަނުގެ ވިޔަފާރިއާ ބެހޭގޮތުން ސުވާލުކޮށްލުމުން ބުނީ، މިފަދަ ބާޒާރުތައް ބޭއްވުމުގެ ހަގީގީ މަގުސަދު މިހާރު ގެއްލިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ފެށުނީއްސުރެން ވެސް މިކަމުގައި އެބަ ބައިވެރިވަން. ފިހާރައިގައި ހުންނަ ދުވަސްވީ މުދާތައް ގެނެސް އަގުހެޔޮކޮށް މިތަނުގައި ވިއްކަނީ. އަޅުގަނޑުމެން މުދާ އެތެރެ ކުރަނީ، ހުރިހާ ޓެކްސްއެއް ދައްކައިގެން. އެކަމަކު މިހާރު މިތަނުގައި މިއޮންނަނީ، ބާޒާރު ހުޅުވެން ކައިރިވީމައި ކޮންމެ މީހަކުވެސް ގިނައަދަދެއްގެ މުދާ އެތެރެ ކޮށްލަނީ ލަންކާ، އިންޑިއާ އަދި ބެންކޮކް ތަންތަނުން. އެ މީހުން ނުޖެހޭ އިމްޕޯޓް ޑިއުޓީ ދައްކާކަށް. އޭގެ ހުރިހައި ގެއްލުމެއް ލިބެނީ ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކަށް،" މަޖީދީމަގުގައި ފިހާރައެއް ހިންގާ ވިޔަފާރިވެރިއަކު ބުންޏެވެ.
މިއީ ގޯމީޑީއާއިން މިއަހަރު ތެރޭގައި ނައިޓް މާކެޓް ބޭއްވި ދެވަނަ ފަހަރެވެ. މިގޮތަށް އަހަރު ދެކޮޅު މިފަދަ މާކެޓެއް ބޭއްވުމުން ވެސް ވިޔަފާރި ވެރިންނަށް އޭގެ ނޭދެވޭ އަސަރުތައް ކުރިމަތިވާ ކަމަށް އެފަރާތްތަކުން ބުނަމުން ގެންދެ އެވެ. އެހެން ނަމަވެސް ގޯމީޑިއާއިން ބުނީ، އެއީ ވެސް ގަބޫލުކުރެވޭ ވާހަކައެއް ނޫން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާކެޓް ބާއްވާ 10 ދުވަހު ކޮންމެ ވެސް ވަރަކަށް ވިޔާފަރި ދަށްވެދާނެ ފިހާރަތަކަށް. އެކަމަކު މިއީ އަހަރަކު އަންނަ އެންމެ 20 ދުވަސް. މިކަމުން އެބުނާ ފަދަ ގެއްލުމެއް ނުވާނެ. އަޅުގަނޑު ދަންނަވާނީ، މިފަދަ ބާޒާރުތައް ގިނައިން ބާއްވަންވީއޭ. އޭރުން އެންމެނަށް ވެސް ފައިދާކުރާނެ،" ގޯ މީޑީއާ މޯލްޑިވްސްގެ އާމިރު ވިދާޅުވި އެވެ.
ގޯމީޑިއާ އިން ބުނީ، ހަމަ އެކަނި ވިޔަފާރި ހުއްދަ އޮންނަ ފަރާތްތަކަށް ބައިވެރި ވެވޭ ގޮތަށް "ވީކް-އެންޑް ބާޒާރު"ގެ ނަމުގައި ހަފްތާއަކު އެއްފަހަރު ބާއްވާ ބާޒާރެއް އަންނަ އަހަރުގެ ކުރީ ކޮޅުގައި އެ ކުންފުނިން ތައާރަފް ކުރާނެ ކަމަށެވެ.
އާންމުންގެ ހިޔާލު:
ފަހަކަށް އައިސް ބޭއްވުނު ނައިޓް މާކެޓް ތަކުން ވިޔަފާރިކޮށްގެން އަންނަ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ، އެތަނުގައި ވިއްކާ މުދާތައް ގަޑުބަޑު ކޮށްފައި ހުންނަކަމާއި، އަދި ބައެއް މުދާތައް ފިހާރަތަކުން ގަންނަން ލިބޭއަގަށް ނުވަތަ އެއަށްވުރެ ބޮޑުއަގުގައި ވެސް ވިއްކަމުން ދިއުމުގެ ޝަކުވާއެވެ.
"އަޅުގަނޑު މިތަނުން އިއްޔެރޭ 50ރ. އަށް ގަނެގެން ގެންދިޔަ ތިންފުޅި މާމާ (ތަށި ދޮންނަ ދިޔާ ސައިބޯނީގެ ބާވަތެއް) ގެއަށް ގެންގޮސް ބެލިއިރު އޭގައި ރަނގަޅަށް ފޮނުވެސް ނުޖަހާ. އަދި ފިހާރަތަކުން 45ރ. އަށް އޭގެ ފުޅިއެއް މިލިބެނީ. އެކަމަކު އޭގަ އެހުންނަ ކޮލިޓީއެއް ނުހުރޭ މިތަނުން ވިއްކާ ތަކެތީގަ. އަދި ފާހާނާ ސާފުކުރާ ކްލީންލީން ވެސް ހަމަ އެގޮތް. މިތަނުން 15ރ. އަށް ގަނެގެން ގެންދާ ކްލީން ކްލީން އިން ވެސް ރަނގަޅަށް ފާހާނާ ތަށިވެސް ސާފު ނުކުރެވޭ،" މިފަހަރުގެ ނައިޓްމާކެޓަށް ތިން ފަހަރު ދިޔަ އަމީނާ ކިޔާ މީހަކު ބުންޏެވެ.
http://www.sun.mv/albums/l_21695.jpg
ވިޔަފާރީގެ ފުރުސަތު އޮންނަން ޖެހޭނީ ވަކި ބަޔަކަށް ނޫނެވެ. އެހެން ނަމަވެސް އެ ފުރުސަތު އޮންނަން ޖެހޭނީ، ދައުލަތަށް ޓެކުހާއި އެހެނިހެން ފީތައް ދައްކައިގެން އުޅޭ ވިޔަފާރިވެރިންނަށް އޭގެ ގެއްލުން ނުވާ ގޮތަށެވެ. އަދި ވިޔަފާރިން ދައުލަތައް ލިބެންޖެހޭ ހުރިހާ މަންފާއެއް އޮޅުވާލުމެއް ނެތި ލިބޭނޭ އިންތިޒާމް ވެސް ހަމަޖެހެން އެބަ ޖެހެ އެވެ.
ހަސަންފުޅު ދެއްކި ވާހަކައަކީ ހަމަ އެކަނި އޭނާގެ ވާހަކަ ނޫންކަން އެބަ އެނގެ އެވެ. އަދި މިއީ ގިނަބައެއްގެ ޝަކުވާއަކަށް ވެސް މިވަނީ ވެފަ އެވެ. ވިޔަފާރި ވެރިން ހުސްކުރާ ސޭލެއްގެ ގޮތުގައި ގިނަ ދުވަސްވެފައި ހުންނަ މުދާތައް އަގުހެޔޮކޮށް އާންމު ރައްޔިތުންނަށް ދޫކޮށްލުމަށް ބޭއްވި ބާޒާރު މިހާރު މިއޮތީ، ވިޔަފާރީގެ ހުއްދައެއް ނެތި ކޮންމެ ކޮންމެ މީހަކަށް މުދާތައް އެތެރެ ކޮށްލައިގެން ބޮޑު އަގުގައި "ފޭކު މުދާ ވިއްކާ" ބާޒާރަކަށް ވެފަ އެވެ.
http://www.sun.mv/albums/l_21696.jpg
މަގުމަތީ ބާޒާރުގެ އަސްލު މަގުސަދު މިހާރު މިވަނީ ހަމަ ރަނގަޅަށް ވެސް އޮޅިފަ އެވެ. މަގުމަތީ ބާޒާރުގައި ފޭކު މުދަލާއި ފޭކު ނޫން މުދާ ލިބެން ހުރި ނަމަވެސް، އެކަން މޮނިޓާ ކުރެވޭނޭ ގޮތެއް ހަމަޖެހިފައި ނެތްތާނގައި، ވިޔަފާރިން ދައުލަތަށް ދައްކަން ޖެހޭ ޓެކުހަށް ވެސް މިހާރު ބާޒާރު މިބާއްވާ ގޮތުން އަސަރުތަކެއް ކުރެ އެވެ.