12 Dec 2013, 10:25
ބްރެޒީލިއަން ފޯވާޑް ނޭމާގެ ހެޓްރިކާއެކު 6-1ގެ ތަފާތު ބޮޑު ނަތީޖާ އަކުން ސްކޮޓްލެންޑްގެ ސެލްޓިކް އަތުން ސްޕެއިންގެ ބާސެލޯނާ މޮޅުވެއްޖެ އެވެ.
މިއަހަރުގެ ސަމާ ޓްރާންސްފާގައި ސަންޓޯސް އިން 49 މިލިއަން ޕައުންޑަށް ބާސާއަށް ބަދަލުވި ނޭމާ އަށް ޗެމްޕިއަންސް ލީގުގައި ލަނޑު ނުޖެހި ދިޔަ ދުވަސްތައް އޭނާ ވަނީ ރޭގެ މެޗުގައި ނިމުމަކަށް ގެނެސްފަ އެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ، ހަތް ވަނަ މިނިޓްގައި ޖެރާޑް ޕީކް އެވެ. އަދި 39 ވަނަ މިނިޓްގައި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕެޑްރޯ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން 44 ވަނަ މިނިޓްގައި ނޭމާ ވަނީ މެޗުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑާއެކު 3-0 ލީޑެއް ބާސާއަށް ހޯދައިދީފަ އެވެ.
ނޭމާގެ ފަރާތުން އާދަޔާ ހިލާފް ހުނަރުވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބާސާގެ ހަތަރު ވަނަ ލަނޑު އޭނާ ކާމިޔާބުކޮށް ދިނީ ދެވަނަ ހާފް ފެށިގެން ތިން ވަނަ މިނިޓްގައި އެވެ. އަދި 58 ވަނަ މިނިޓްގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ނޭމާ އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ. ބާސާގެ ހަވަނަ ލަނޑު 72 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޓެލޯ އެވެ.
ޗެމްޕިއަންސް ލީގުގައި ސެލްޓިކް މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި މި މެޗުގައި އެޓީމު ކާމިޔާބުކުރި ހަމަ އެކަނި ލަނޑު 88 ވަނަ މިނިޓްގައި ކާޔާބުކޮށްދިނީ ޖޯޖިއޯސް ސަމަރާސް އެވެ.
ބާސާގެ މި މޮޅާއެކު 13 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަގައި ގްރޫޕް ސްޓޭޖް ނިންމައިލިއިރު ސެލްޓިކް ގްރޫޕް ސްޓޭޖް ނިންމައިލީ ތިންޕޮއިންޓާއެކު ގްރޫޕްގެ ފުލުގައި އޮވެ އެވެ.
ގްރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ، ރޭ ނެދަލެންޑްސްގެ އަޔެސްކް އަތުން ލަނޑެއް ނުޖެހި އެއްވަރުވި އިޓަލީގެ އޭސީ މިލާން އެވެ. ދެ ޓީމަށް ވެސް ގްރޫޕް ސްޓޭޖް ފަހަނަޅައި ދިޔުމުގެ ފުރުސަތު އޮތް އިރު ރޭގެ މެޗުގެ ނަތީޖާއާ އެކު މިލާންއަށް 9 ޕޮއިންޓް ޕޮއިންޓު ހަމަކުރެވުނު އިރު އަޔެކްސްއަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ.