ނަސްލީ ތަފާތުކުރުންތައް ނައްތާލެއްވި ދެކުނު އެފްރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސް ނެލްސަން މަންޑޭލާއަކީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި ކުރިއަށް އަރާ ހުންނެވި ދަންމަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ މަންޑޭލާ އަވަހާރަވުމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިއްޔެ ހުޅުއްވާފައިވާ ތައުޒިޔާގެ ދަފުތަރުގައި އިއްޔެ ސޮއިކުރައްވައި ލިޔުއްވި ބަޔާނުގަ އެވެ.

ރައީސް ނަޝީދުގެ ބަޔާނުގައި ވަނީ އެފްރިކާގެ ނަސްލީ އިމްތިޔާޒުތައް ނައްތާލައި އިންސާނީ ނަސްލުތަކުގެ މެދުގައި ޑިމޮކްރަސީ އާއި އަދުލު އިންސާފާއި ހަމަހަމަކަމާ އެކު މުއާމަލާތް ކުރުމަށް މަންޑޭލާ ކުރެއްވި މަތިވެރި މަސައްކަތްޕުޅަށް ތައުރީފް ކުރައްވައިފަ އެވެ.

"ޑިމޮކްރަސީއަށް ކުރާ އުންމީދާއި ޑިމޮކްރަސީ އަށް ކުރާ އިލްހާމުގެ ދަންމަރަކަށް މަންޑޭލާ ވެވަޑައިގަތެވެ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ހަރަކާތްތެރިންގެ މުރުޝިދަކަށް މަންޑޭލާ ވެގެން ދިޔަ އެވެ. ރާއްޖޭގައި ވެސް މެއެވެ." ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ފޮރިން މިނިސްޓަރީގައި މަންޑޭލާގެ ހަނދާނުގައި ހުޅުވި ދަފްތަރުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން އާއި އެފްރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް ވަނީ ސޮއިކުރައްވާފަ އެވެ.

މަންޑޭލާއަކީ ދެކުނު އެފްރިކާގައި ދޮން ނަސްލުގެ މީހުން ކަޅު ނަސްލުގެ މީހުންގެ މައްޗަށް ހިންގި ނަސްލީ ތަފާތުކުރުން ނިމުމަކަށް ގެނެސް އެ ގައުމުން ނަސްލީ ތަފާތުކުރުންތައް ނައްތާލައި ހުރިހާ ނަސްލެއްގެ މީހުން ބައިވެރިވާ ޑިމޮކްރަޓިކް ވެރިކަމެއް ފުރަތަމަ ފަހަރަށް ގެންނެވި ލީޑަރެވެ.

ފުއްޕާމޭގެ އިންފެކްޝަނެއްގައި ހޮސްޕިޓަލުގައި ތިން މަސް ދުވަހު ފަރުވާ ހޯއްދެވުމަށް ފަހު އިންޓެންސިވް މެޑިކަލް ކެއާގެ ހިދުމަތް ގޭގައި ބާއްވައިގެން ދެމުން ދަނިކޮށް މަންޑޭލާ އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މަންޑޭލާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު އެވެ.