ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.

ޖިހާދު މިއަދު ސަން އަށް ވިދާޅުވީ އެމަނިކުފާނު ޕީޕީއެމާ ގުޅިވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އަދި ފިނޭންސް މިނިސްޓަރުގެ މަގާމަށް އެމަނިކުފާނު އައްޔަން ކޮށްފައިވާއިރު އެއީ ވެސް ޕީޕީއެމްގެ ސްލޮޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެ ނިންމުމަކީ ރައީސް މައުމޫންގެ އެދިވަޑައިގަތުމަކަށް ނިންމި ނިންމުމެއް. އަދި އަޅުގަނޑަކީ އަބަދު ވެސް ޕީޕީއެމްގެ ފިކުރަށާއި ފިލޯސަފީތަކަށް ތާއީދުކުރާ ފަރާތެއް،" ޖިހާދު ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ޓުވިޓާ އެކައުންޓްގައި ވެސް އެމަނިކުފާނު ވަނީ ޖިހާދު އެޕާޓީއަށް ގުޅިވަޑައިގަތުމަށް ނިންމެވީތީވެ އެކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ. އަދި ޖިހާދަކީ އެޕާޓީއަށް މުހިންމު ފަރާތަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

ޖިހާދަކީ މައުމޫންގެ ވެރިކަމުގައި ވެސް ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.