ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ވާހަކަފުޅުތަކުގައި މީހަކާއި ރަސޫލަކު އެއް ދަރަޖައެއް ނުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

މުއާޒު އެހެން ވިދާޅުވީ "މަންޑޭލާއަކީ ދުނިޔެ ދުށް އެންމެ ވަރުގަދަ ސިޔާސީ ޝަޚްސިއްޔަތު" ކަމަށް މަންޑޭލާގެ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް މިއަދު ލިޔުއްވުމާ ގުޅިގެން، ރައީސް އެ ލިޔުއްވުމުން ކީރިތި ރަސޫލާއަށް "ކުޑައިމީސް"ކޮށް ހެދުނު ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެވެ.

މަންޑޭލާގެ ތައުޒިޔާގެ ބަޔާނުގައި ރައީސްގެ އެ މޭރުމުން ލިޔުއްވުމުން ކީރިތި ރަސޫލާ އާއި މަންޑޭލާއާ "އެއްފަދަ ކުރެވިއްޖެ" ކަމަށް ބައެއް ފަރާތްތަކުން ފަތުރާ ވާހަކަތަކަށް ރައްދު ދެއްވައި މުއާޒު މިރޭ ވިދާޅުވީ ކީރިތި ރަސޫލާއަކީ މުސްލިމުންގެ އެންމެ މަތިވެރި ޝަހުސިއްޔަތު ކަމަށާއި އެކަލޭގެފާނު "ނަފީކޮށް" ރައީސް ވާހަކަފުޅު ދެއްކެވީ، އެކަލޭގެފާނާ އެއްވެސް މީހަކާ އަޅާ ނުކިޔޭނެތީ ކަމަށެވެ.

"އެއްވެސް ގޮތަކުން ކީރިތި ރަސޫލާ އާއި އެހެން އިންސާނަކާ އަޅާ ކިޔެން ނޯންނާނެތީ، އެކަލާގެފާނުގެ ނަންފުޅު ގަސްތުގައި ބޭނުންފުޅު ނުކުރެއްވީ. މަންޑޭލާފަދަ އާންމު އިންސާނެއް ސިފަ ކުރާ ހާލަތުގައި އެއީ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެކޭ ބުނުމަކީ އެއީ ހަމަ އާންމު އިންސާނުންގެ ދަރަޖަ. އެއްވެސް މުސްލިމަކު އެހެން ބުނާނީ ކީރިތި ރަސޫލާ ނަފީކޮށްފައެއް ނޫން،" ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އަދި ރައީސްގެ ތަރުޖަމާން ވިދާޅުވި އެވެ.

ދެކުނު އެފްރިކާއިން ނަސްލީ އިންތިޔާޒު ނައްތާލެއްވި އެ ގައުމުގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސް ނެލްސަން މަންޑޭލާގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ރައީސް ޔާމިން މިއަދު ލިޔުއްވާފައި ވަނީ މަންޑޭލާއަކީ މިނިވަންކަމަށް ވަރަށް ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި "ރެއިންބޯ ނޭޝަން"ގެ ކާމިޔާބީ އާއި އަދި ހިތްވަރާއި ހަމަހަމަކަމާއި އިންސާފުގެ މައިދާނުގައި އެމަނިކުފާނު ގެންގުޅުއްވި ހަރުދަނާ އުސޫލުތައް، ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅޭ މިލިއަނަށް ވުރެ ގިނަ މީހުންނަށް ފެނިގެންދާނީ ވިދަވިދާ ހުރި އަލިތަކެއްގެ ގޮތުގައި ކަމަށެވެ.