ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މުސާރައިން 5000ރ. އުނިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު މިރޭ ވިދާޅުވީ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މުސާރައިން 5000ރ. އުނިކުރުމަށް ހުރިހާ މިނިސްޓަރުންނަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު އަންގަވާފައިވާ ކަމަށެވެ.

"ރައީސްގެ އެ ނިންމުމަކީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުރެއްވި ކަމެއް. ހަރަދު ކުޑަކުރުމުގެ ގޮތުން އަދިވެސް ރައީސް ވަރަށް ގިނަ ކަންތައްތަކެއް ކުރައްވާނެ،" ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ވިދާޅުވި އެވެ.

ހަރަދު ކުޑަކުރުމަށް ސްޓޭޓުންނާއި ނައިބުންގެ މުސާރައިން 5000ރ. އުނިކުރުމުން ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަށް ދެން ލިބިވަޑައިގަންނަ ވާނީ މަހަކު 41،000ރ. އެވެ. ކުރިން ސްޓޭޓް މިނިސްޓަރެއްގެ މުސާރައަކީ 46،000ރ. އެވެ.

މިނިސްޓަރުންގެ ނައިބުންނަށް ދެން ލިބިވަޑައިގަންނަ ވާނީ މަހަކު 30،000ރ. އެވެ. ކުރިން މިނިސްޓަރުންގެ ނައިބުންގެ މުސާރައަކީ 35،000ރ. އެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކުގައި 28 ބޭފުޅުން ތިއްބަވަ އެވެ. އަދި ނައިބު މިނިސްޓަރުންނާއި އެ ފެންވަރު މަގާމުތަކުގައި 44 ބޭފުޅުން ތިއްބަވަ އެވެ.

ސްޓޭޓް، އަދި ނައިބު މިނިސްޓަރުންގެ 72 ބޭފުޅުންގެ މަހު މުސާރަ އިން މަހަކު 5000ރ. އުނިކުރުމުން، މަހެއްގެ މައްޗަށް 360،000ރ. ދައުލަތުގެ ބަޖެޓުން ސަލާމަތްވާނެ އެވެ. އަދި އަހަރެއްގެ މައްޗަށް 4.3 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތް ކުރެވޭނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ އޮފީސް ހިންގަވަން ހަވާލުވެވަޑައިގަތުމާ އެކު ވަނީ އެ މަނިކުފާނުގެ މުސާރައިގެ ދެ ބައިކުޅަ އެއްބައި އުނިކުރައްވައިފަ އެވެ.