11 Dec 2013, 19:08
ސުޕީރިއާ ކޯޓުތަކުގެ ނުވަ ފަނޑިޔާރަކު އެކި ކޯޓުތަކަށް ބަދަލުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިނަމަވެސް އެ ނިންމުމަށް އަމަލު ކުރަން ޖޭއެސްސީން ފާސްކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެމްބަރު އަހްމަދު ހަމްޒާ ވިދާޅުވީ ސުޕީރިއާ ކޯޓުތަކުގެ ބައެއް ފަނޑިޔާރުން އެކި ކޯޓުތަކަށް ބަދަލު ކުރުމަށް އެ ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ސޮއިކުރައްވައި އިއްޔެ އެ ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ހަމްޒާ ވިދާޅުވީ އުއްތަމަ ފަނޑިޔާރު އެގޮތަށް ވިދާޅުވިނަމަވެސް ކޮމިޝަންގެ ނިންމުމަށް އަމަލު ކުރެވޭނެ ކމަށް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ފާސްކޮށްފައި ވަނީ އުއްތަމަ ފަނޑިޔާރުގެ ނިންމުމަކީ ސުޕްރީމް ކޯޓުން ނިންމި ނިންމުމަކަށް ނުވާތީ ކަމަށެވެ.
"އުއްތަމަ ފަނޑިޔާރު އެގޮތަށް ވިދާޅުވިނަމަވެސް ކޮމިޝަނުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލު ކުރަންޖެހޭނެ ކަމަށް މިއަދު ފާސްކުރީ. އެގޮތަށް ފާސްކުރީ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އަޣުލަބިއްޔަތުން. އުއްތަމަ ފަނޑިޔާރު އެގޮތަށް ވިދާޅުވިޔަސް އެއީ ސުޕްރީމް ކޯޓުގެ ނިންމެވުމެއް ނޫން. އެހެންވެ އެގޮތަށް ފާސްކުރައްވާފައި ވަނީ،" ހަމްޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ސުޕީރިއާ ކޯޓުތަކުގެ ބައެއް ފަނޑިޔާރުން އެކި ކޯޓުތަކަށް ބަދަލުކުރުމަށް ނިންމި ނިންމުމަކީ ގާނޫނީގޮތުން ސައްޚަ ނިންމުމެއް ކަމަށް ވެސް ޖޭއެސްސީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އެކި ކޯޓުތަކަށް ބަދަލުކުރަން ނިންމި ފަނޑިޔާރުންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އަބްދުﷲ ގާޒީ ބަދަލުކުރުމަށް ނިންމާފައި ވަނީ ޑްރަގް ކޯޓުގެ އިސްގާޒީ ކަމުގެ މަގާމަށެވެ. އަދި ހަމަ އެ ކޯޓުގެ ގާޒީ މުހުތާޒް ފަހުމީ ވެސް ޑްރަގް ކޯޓަށް ބަދަލުކުރުމަށް ވަނީ ފާސްކޮށްފަ އެވެ.
ޖުވެނައިލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ މުހައްމަދު ނައީމް ޑްރަގް ކޯޓަށް ބަދަލުކުރުމަށާއި ޑްރަގް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދާއި އެ ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅާއި ފެމިލީ ކޯޓުގެ ގާޒީ އިބްރާހީމް އަލީ ކްރިމިނަލް ކޯޓަށް ބަދަލުކުރުމަށް ވެސް ޖޭއެސްސީން ވަނީ ފާސްކޮށްފަ އެވެ.
ޑްރަގް ކޯޓުގެ ގާޒީ އަބްދުއްސައްތާރު އަބްދުލްހަމީދާއި ފެމިލީ ކޯޓުގެ ގާޒީ ހަސަން ޝަފީއު ސިވިލް ކޯޓަށް ބަދަލުކުރަން ނިންމިއިރު ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށް ވެސް ޖޭއެސްސީން ވަނީ ފާސްކޮށްފަ އެވެ.