11 Dec 2013, 18:39
މާލޭގެ ހުރިހާ ވޯކްޝޮޕްތަކާ ގަރާޒުތައް ތައިސޭ ކޮއްޓަށް ބަދަލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ފަށައިފައިވާ މަސައްކަތުގެ ދަށުން އެތަނުން ދޫކުރާ 48 ޖާގައަށް އެދި 80 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ތައިސޭ ކޮށިން ދޫކުރުމަށް ހަމަޖެހިފައިވާ ޖާގައަށް އެދި 80 ފަރާތަކުން ކުރިމަތިލާފައިވާއިރު މިއަދު އެފަރާތްތަކާ ސިޓީ ކައުންސިލުން ވަނީ ބައްދަލުކޮށްފަ އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވީ އެ ކޮށިން މިހާރު ދޫކެވެން އޮތީ 48 ޖާގަ އެކަނި ކަމަށެވެ. އަދި އެކަމަށް އެދި ކުރި މަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޖާގަ މިވަގުތު ދޭނެ ފަރާތްތައް ކަނޑައަޅާނީ ސިޓީ ކައުންސިލުން އެކަމަށް ކަނޑައަޅައިފައިވާ ކޮމިޓީން ބެލުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތައިސޭ ކޮށިން ޖާގަ ދިނުމުގައި އަޅުގަނޑުމެން މިބަލަނީ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ފަރާތްތަކަށް، އެ މައުލޫމާތުތައް ވާނީ ފޯރުކޮށްދީފައި، ދެން ކުރިއަށްދާނެ ގޮތެއް ކަނޑައަޅާނީ ކޮމިޓީން،" ޝުޖާއު ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ ތައިސޭ ކޮށިން ދޫކުރުމަށް ހަމަޖައްސާފައިވަނީ 600 އަކަފޫޓުގެ ތަންތަން ކަމުގައިވާއިރު މިފަހަރު ތައިސޭއިން ޖާގަ ނުލިބޭ ފަރާތްތަކަށް ހުޅަނގު ހާބަރު ސަރަހައްދު ތަރައްގީ ކުރުމުން ހަމަ އެވަރުގެ ތަންތަން ލިބޭނެ އެވެ.
"ތައިސޭ ކޮށިން ޖާގަ ލިބޭ ފަރާތްތަކުން ޖެހޭނީ އެތަންތަން ދޫކޮށްލަން، ދެން ޖާގަ ނުލިބޭ ފަރާތްތަކަށް ހުޅަނގު ހާބަރު ތަރައްގީކުރުމާ ހަމައަށް މިހާރު ވެސް ތިބި ތަންތަނުގައި ތިބެވޭނެ، ހުޅަނގު ހާބަރު ތަރައްގީވުމަށް ފަހު އަޅުގަނޑުމެން މިބަލަނީ މާލެ ތެރެއިން މިފަދަ ތަންތަން 90 ޕަސެންޓް ސާފުކޮށްލެވޭނެ ކަމަށް،" ސުޖާއު ވިދާޅުވި އެވެ.