ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އިސްކޮށް ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ ކަމަށް ވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް ޕާޓީ (އެމްއާރްއެމް) އުވާލުމަށް އެޕާޓީގެ ވަގުތީ ހިންގާ ކޮމެޓީން ފާސް ކޮށްފިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޑރ. މުނައްވަރު ވިދާޅުވީ ޕާޓީ އުވާލުމަށް ފާސްކޮށްފައި ވަނީ މިއަދު މެންދުރު 1:30 ގައި ބޭއްވި ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި 12 މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

މުނައްވަރު ވިދާޅުވީ ޕާޓީ އުވާލިކަމުގެ ގަރާރާއި ކޮމެޓީ ބައްދަލުވުމުގެ ޔައުމިއްޔާ ގާނޫނުގައި ބުނެފައިވާ ގޮތުގެމަތިން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ.

ޕާޓީ އުވާލަން ގަސްދުކުރެއްވި ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮތްގޮތުން ކުދިޕާޓީތަކަށް ހަރަކާތްތެރިވެވޭނެ ގޮތެއް ނެތުމުން ކަމަށް މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުންފުޅެއް އަދި ނުގެންގުޅުއްވާ ކަމަށާއި ވަގުތު ލިބުނުވަރަކުން ޝަރުއީ ނިޒާމް އިސްލާހު ކުރުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

މިއީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިހާތަނަށް އުވާލި ފުރަތަމަ ޕާޓީ އެވެ.