11 Dec 2013, 17:05
އުމުރުން 30 އަހަރުން މަތީގެ އަންހެނުން ބަލިވެ އިންނަ އަދަދު އިތުރު ވަމުން އަންނަ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ.
އެމެރިކާގެ ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ހޯދި ހޯދުން ތަކުން އެނގޭ ގޮތުގައި އަންހެނުންގެ އުމުރުން 35 އަހަރާއި 39 އަހަރާއި ދެމެދުގައި ދަރިމައިވުމުގެ އަދަދު ވަނީ 30 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.
"މިވާ ގޮތަކީ އަންހެނުންގެ އުމުރުން 30 އަހަރު ވާއިރު މިތިބެނީ ކިޔެވުމައިގެން ނުވަތަ ވަޒީފާގެ މާހައުލައިގެން މަސްއޫލުވެގެން، އެހެންކަމުން އެމީހުން ދަރިމައިވުން ވީހާވެސް ފަސްކުރަނީ" ޖަޓްމަޗަރ އިންސްޓިއުޓް ގެ ސީނިޔަރ ރިސާރޗް އެސޯސިއޭޓް، ރޭޗަލް ޖޯންސް ސީއެންއެން އަށް ދިން އިންޓަވިއު އެއްގައި ބުނެފައިވެއެވެ.
ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ގެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުން އެމެރިކާގައި ބަލިވެ އިންނަ މީހުންގެ އަދަދު ވެސް ވަނީ ދަށަށް ގޮސްފަ އެވެ. 2000 ވަނަ އަހަރުން 2009 ވަނަ އަހަރާ ދެމެދު ބަލިވެ އިން މީހުންގެ އަދަދު ވަނީ 12 ޕަސެންޓް ދަށަށް ވެއްޓިފައެވެ. އެއީ ގާތްގަނޑަކަށް 6.4 މިލިއަން މީހުންނެވެ. މިއީ މިވޭތުވެދިޔަ 12 އަހަރު ތެރޭގައި ވެސް މިކަން އެންމެ ދަށަށް ދިޔަ ދުވަސްވަރެވެ.
މީގެ އިތުރުން ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި އެބޯޝަން ހަދާ އަދަދު ވެސް 32 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ޒުވާން ކުދިން ބަލިވެ އިންނަ އަދަދު 39 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ވެސް މި ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ. ޖޯންސް ބުނީ މިހެން ވާންޖެހެނީ ކުދިން ހޭލުންތެރިކުރެވިފައި ވާތީ ކަމަށެވެ.
ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ގެ ރިޕޯޓް ހަދާފައި ވަނީ އެމެރިކާގެ ހުރިހާ ސްޓޭޓް ތަކަކުން ނެޝަނަލް ސެންޓަރ ފޯރ ހެލްތް ސްޓެޓިސްޓިކް އަށް ހުށަހަޅައިފައިވާ ވިހެއުމާއި ގުޅޭ ބަޔާން ތަކަށް ރިއާޔަތް ކޮށްފައެވެ.
" ދަރިމައިވުމާއި، ވިހެއުމާއި، ދަރިވައްޓައިލުމުގެ އަދަދު ތަކަށް މިހާބޮޑު ބަދަލުތަކެއް އައިސްފައި މިވަނީ އެމެރިކާގެ އަންހެނުންގެ ދިރިއުޅުމުގެ ހާލަތާއި، މާލީ ހާލަތާއި، އަދި ހޭލުންތެރި ކުރުވުމަށް ހިންގޭ ޕްރޮގްރާމް ތަކުގެ ސަބަބުންނެވެ." ރިޕޯޓްގައި އިތުރަށް ލިޔެފައިވެއެވެ.