މީރު އައިލެންޑް ރިޒޯޓުގައި ޗުއްޓީ ހޭދަކޮށްލަން އައި ޖަރުމަނުގެ އަންހެން ޓޫރިސްޓެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް އެމާޖެންސީގައި ގެނައީ ވައަތުގެ ފައިގާ ވިންދު ނެތުމުން ނެވެ.

އެއީ މިމަހުގެ ތިން ވަނަ ދުވަހުގެ ރޭގަނޑު 9:30 ހައި އިރު އެވެ. އައިޖީއެމްއެޗަށް ގެނެސް ބެލި ބެލުމުން އެނގުނީ އަންހެން މީހާގެ ފައިގެ އުކުޅުވަޅުން ފެށިގެން ތިރިއަށް ލޭ ދައުރު ނުވާ ކަމެވެ.

އައިޖީއެމްއެޗްގެ ސާޖަރީ މެޑިކަލް އޮފިސާ، ޑރ. އައިމިނަތު ރަމްޝާ ވިދާޅުވީ އުމުރުން 79 އަހަރުގެ ޖަރުމަނުގެ ޓޫރިސްޓުގެ ފައިގެ ހާލު ވަރަށް ގޯސް ކަމަށާއި ވީހާ ވެސް އަވަހަކަށް އޮޕަރޭޝަނެއް ނުކޮށްފި ނަމަ، ފައި ބުރިކޮށްލަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންނާ ހަމައަށް އައިއިރު، ފައިގައި އެއްވެސް ވަރަކަށް ވިންދެއް ނެތް. ފައި ހުރީ ވަރަށް ބޮޑަށް ފިނިވެފައި. އަޅުގަނޑުމެން ވީހާ ވެސް އަވަހަށް ސީޓީ އާއި އެންޖިއޯގުރާމް ހަދާ އިންވެސްޓިގޭޝަންތައް ހެދިން. މިކޭސްއަކީ ވީހާ ވެސް އަވަހަކަށް ސާޖަރީ ހަދަން ޖެހޭ ކޭސްއެއް. ނުހަދައިފި ނަމަ ފައި ބުރިކޮށްލަން ޖެހޭނެ ކަހަލަ ކޭސްއެއް،" ޑރ. ރަމްޝާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ރޭޑިއޮލޮޖީ ކޮންސަލްޓަންޓް ޑރ. އިބްރާހިމް ރަޝީދު ވިދާޅުވީ އަންހެން މީހާގެ ދެފައިގަ ވެސް އެމައްސަލަ ހުރި ކަމަށެވެ. އެތެރޯސް ކުލެރޯސިސް ނުވަތަ ލޭހޮޅި ހިމަވާ ބަލީގެ ސަބަބުން ވައަތު ފައިގެ މައި ލޭހޮޅު އެއްކޮށް ބެދުނީ ކަމަށް ޑރ. ރަޝީދު ވިދާޅުވި އެވެ.

"ދެފަރާތުގައި ވެސް ހުރި މައްސަލަ. އެއީ ލޭހޮޅި ހިމަވާ ބަލި ޖެހުމުގެ ސަބަބުން. ދެފަރާތް ވެސް ހުރީ ސަކަރާތްވެފައި. މިހެން ސަކަރާތްވަމުން (ބެދެމުން) ދާން ހެދީމަ އާ ލޭހޮޅިތައް އުފެދޭނެ. އުފެދިގެން ގޮސް އެމީހާގެ ކަނާއަތު ފައިގަ ލޭހިނގާ. ވާތް ފަރާތުގައި ވެސް ކޮންމެވެސް ވަރަކަށް މިގޮތް ހުރި. ވާތް ފަރާތުގައި މިވީ ގޮތަކީ ގާތްގަނޑަކަށް އުކުޅުވަޅު ހިސާބުން ފެށިގެން ފަޔަށް ލޭދާ އެންމެ ފަލަ ހޮޅި ބުލޮކްވީ" ޑރ. ރަޝީދު ވިދާޅުވި އެވެ.

ބޭނުންވާ ހުރިހާ ތަހުލީލުތަކެއް ހެދުމަށް ފަހު، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން ނިންމީ އޮޕަރޭޝަން ކުރުމަށެވެ.

ދިވެހި ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ ޑރ. އައިމިނަތު ރަމްޝާ، ޑރ. އަބްދުﷲ އަދުސާރު، ޑރ. އަބްދުﷲ އުބައިދު، ޑރ. މުހައްމަދު ޝާފިއު، ޑރ. މުހައްމަދު ޝިފާން އަދި އެނަސްތީސޮލޮޖިސްޓް ޑރ. ރިޒާނާ އަބްދުލްޣަފޫރެވެ.

"ސާޖަރީ ހަދަން ފެއްޓުނީ ދަންވަރު ގާތްގަނޑަކަށް ދޭއް ޖެހި އިރު. ފަތިހު ނިންމާލެވުނީ. ތިން ގަޑިއިރާ ބައި ވަރުވި. ފައިގެ މައި ލޭހޮޅި އެއްކޮށް ފައިވަޅުން ފެށިގެން އެއްކޮށް ހުރީ ބުލޮކްވެފައި. މިކަހަލަ ކޭސްތަކަކީ ކުރިން ރާއްޖޭގައި ކުރެވޭ (އޮޕަރޭޝަން ކުރެވޭ) ކޭސްތަކެއް ނޫން. ސްޕެޝަލިސްޓެއް ވެސް ނުހުރޭ،" އައިޖީއެމްއެޗްގެ ރެޖިސްޓްރާ އޮފް ސާޖަން ޑރ. އަބްދުﷲ އަދުސާރު ވިދާޅުވި އެވެ.

ކުރިން ރާއްޖޭގައި ހިތުގެ ސާޖަރީ ނުވަތަ ކާޑިއޯތޮރޭސިކް ސާޖަންއެއް ނެތް އިރު، މިފަހަރު މިސާޖަރީ ކުރެވޭ ގޮތްވީ އައިޖީއެމްއެޗްގެ ސާޖަރީ ޑިޕާޓްމަންޓުގެ ހެޑް އަދި ރާއްޖޭގައި ހުރި ހަމައެކަނި ދިވެހި ކާޑިއޯތޮރޭސިކް އެންޑް ވެސްކިއުލާ ސާޖަން ޑރ. މުހައްމަދު ޝާފިއުގެ ސަބަބުން ނެވެ.

ޑރ. ޝާފިއު ވިދާޅުވީ މިބައްޔަކީ ޕެރިފަރަލް ވެސްކިއުލާ ޑިސީސް ނަމަކަށް ކިޔާ ބައްޔެއް ކަމަށެވެ. ބަލީގެ ސަބަބުން މައި ލޭހޮޅިތައް ބެދޭ ގޮތްވެ އެވެ. ޑރ. ޝާފިއު ވިދާޅުވީ މިބަލީގެ އެންމެ އާއްމު ވައްތަރަކީ ހިތަށް އަނބުރާ ލޭ ފޮނުވައިދޭ ހޮޅިތައް ކަމަށްވާ "ވެއިންސް" އަށް ޖެހޭ ބައްޔެއް ކަމަށެވެ. ވެއިންސްއަށް ޖެހުމުން މިބަލި އެހާ ސީރިއަސްއެއް ނޫނެވެ. ނަމަވެސް ހިތުން އެހެން ގުނަވަންތަކަށް ލޭ ފޮނުވައިދޭ ލޭހޮޅިތައް ކަމަށްވާ "އާޓްރީސް" އަށް މިބަލި ޖެހިއްޖެ ނަމަ ހާލު ވަރަށް ގޯސްވެ އެވެ.

ޕެރިފަރަލް ވެސްކިއުލާ ޑިސީސްގައިވާ ގޮތަކީ ކޮލެސްޓްރޯލް ފަށަލަ ލޭހޮޅީ ފަށަލައިގާ ޖެހުމުގެ ސަބަބުން މަޑުމަޑުން ލޭހޮޅި ބެދެމުން ގޮސް އެއްކޮށް ބެދެނީ އެވެ.

ޑރ. ޝާފިއު ވިދާޅުވީ މިސާޖަރީ އަށް ފަހު ދިވެހި ޑޮކްޓަރުންގެ ޓީމުން 73 ސެންޓިމީޓަރުގެ ދިގު ކުލޮޓެއް ނުވަތަ ސަރުބީ ފަށަލައަކާއި ހަތް ސެންޓިމީޓަރުގެ ދިގު ކްލޮރެސްތޮރޯލް ކުލޮޓެއް ނަގާފައިވާ ކަމަށެވެ.

"މީ އަސްލު އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެޗީވްމަންޓެއް. އެއީ އޭނަގެ ފައިގެ ދިގުމިން ހުރި ބޮޑު ކުލޮޓެއް (ސަރުބީ ފަށަލައެއް). އެއީ ގާތްގަނޑަކަށް 73 ސެންޓިމީޓަރުގެ ކުލޮޓެއް އެކީ އެކައްޗަކަށް އެއްކޮށް ނެގުން. ގިނަ ފަހަރަށް ކުލޮޓް އިންނާނީ ވަރަށް ކުޑަކޮށް. އެކަމަކު އޭނަގެ އެއްކޮށް ބެދިފައި އިން ކުލޮޓް އެކީ އެކައްޗަކަށް ބުރި ނުކޮށްލާ ނެގެވުނު. ދުނިޔޭގެ ސްޓެންޑަޑަށް ބަލާފައި ވެސް މިއީ އަސްލު ވަރަށް ބޮޑު ކުލޮޓެއް،" ޑރ. ޝާފިއު ވިދާޅުވި އެވެ.

ޑރ. އިބްރާހިމް ރަޝީދު ވިދާޅުވީ މިސާޖަރީ ކޮށްފައި ވަނީ ވަރަށް ކުޑަ ތަންކޮޅެއް ފަޅާލުމަށްފަހުގައި ކުލޮޓް ނުވަތަ ސަރުބީ ފަށަލަ "ރޮދި ފަށެއް ދަމާ ނެރޭ" ގޮތަށް ނެރެގެން ކަމަށެވެ.

"އޮޕަރޭޝަނެކޭ ބުނާއިރު ގިނަ ފަހަރަށް ހީވަނީ މީވަރަށް ބޮޑަށް ފަޅާލައިގެން ކުރެވޭ އޮޕަރޭޝަނެކޭ. އެކަމަކީ މިއީ މަދު ސެންޓިމީޓަރެއްގެ ދިގުމިން ހުންނަ އިންސިޝަން (ފަޅާލުން) އެއް ދީގެން ޕުލާކު (ސަރުބީ ފަށަލަ) ދަމާ ނެރުނީ. ރޯނެއް ނޫނިއްޔާ ރޮދި ފަށެއް ދަމާ ނެރޭ ހެން. އޭގެ މާނައަކީ ވަރަށް ނޮން އިންވޭސިވް ނުވަތަ މިނިމަލީ އިންވޭސިވް ނުވަތަ ކުޑަކުޑަ ހުޅުވުމަކުން އެއޮޕަރޭޝަން ކުރީ،" ޑރ. ރަޝީދު ވިދާޅުވި އެވެ.

އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލާފައިވާ އިރު، މިއީ މިބާވަތުގެ އޮޕަރޭޝަނެއް ރާއްޖޭގައި ކުރެވުނު ދެވަނަ ފަހަރެވެ. ކުރިން ކުރި މިބާވަތުގެ އޮޕަރޭޝަންގައި ދިވެހި އަންހެނެއްގެ އަތުގައި ބެދިފައިވާ ލޭހޮޅި ރަނގަޅުކުރެވުން ނަމަވެސް، އަންހެން މީހާއަށް ސީރިއަސް ސްޓްރޯކެއް ޖެހު ނެވެ.

"އަތުގެ ލޭހޮޅިއާ އެކު، ސިކުނޑިއަށް ލޭ ފޮނުވައިދޭ މައި ނާރު، ކަރުން ދެފަރާތުގައި އިންނަ ކެރޯޓިޑް އޭ މިކިޔާ ނާރުގެ ތެރެއިން އެއް ނާރު އެކީ އަކައްޗަކަށް 100 ޕަސަންޓް ބުލޮކްވެފަ ހުރީ. ސިކުނޑިއަށް ލޭ ދައުރުކޮށްދެނީ ހަމައެކަނި ވާތް ފަޅިން. ދެން އަޅުގަނޑުމެން އެއޮޕަރޭޝަން ކުރި އިރުވެސް އެރިސްކު ކިޔައިދިނިން ފަހަރެއްގައި ސްޓްރޯކެއް ޖެހިދާނެއޭ. އެކޭސްގައި އަންފޯޗުނޭޓްލީ ސާޖަރީ ހެދި ދުވަހު އެޕޭޝަންޓަށް ސްޓްރޯކެއް ޖެހުނީ. އަތް ސަލާމަތްކުރެވުނު ނަމަވެސް، ވަރަށް ސިވިއާ ސްޓްރޯކެއް ޖެހުނީ،" ޑރ. ޝާފިއު ކިޔައިދިނެވެ.

ނަމަވެސް ޖަރުމަންގެ އަންހެން ޓޫރިސްޓްގެ އޮޕަރޭޝަން ކާމިޔާބެވެ. ސާޖަރީގެ ފަހުން ހަދާފައިވާ ސިޓީ ސްކޭންތަކުން ދައްކާ ގޮތުގައި އަންހެން މީހާގެ ވައަތުގެ ފައިގެ މައި ލޭހޮޅިން ބަރާބަރަށް ލޭ ދައުރުވެ އެވެ.

އައިޖީއެމްއެޗްއިން ބުނީ އަންހެން މީހާގެ ފައި މިހާރު ރަނގަޅު ކަމަށާއި ހިނގާ އުޅޭ ކަމަށެވެ. ނަމަވެސް ލޭ އޮލަކުރަން ދޭ ބައެއް ބޭސްތައް ދެމުންދާތީވެ އަދިވެސް އެޑްމިޓްކޮށްފައިވާ އިރު، މާދަމާ ޑިސްޗާޖުކުރާނެ ކަމަށް އެހޮސްޕިޓަލުން ބުނެ އެވެ.

އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ޖެނެރަލް ސާޖަން ޑރ. އަބްދުﷲ އުބައިދު ވިދާޅުވީ މިއީ މިފަދަ ސާޖަރީތައް ރާއްޖޭގައި ކުރުމުގެ ފެށުން ކަމަށެވެ.

"މިއީ މިކަހަލަ ސާވިސްތަކުގެ ފެށުން. އެހެން ނަމަވެސް މީގައި ކުރިއަށް އަޅުގަނޑުމެން ހައްލުކުރަން ޖެހޭ ގޮންޖެހުންތަކެއް އެބަހުރި. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި މިސާވިސްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ ރައްޔިތުންނަށް ހާއްސަކޮށް މިކަހަލަ އެމާޖެންސީ ކަންކަމުގައި ރާއްޖެއިން ބޭރަށް ނުގޮސް ފަރުވާ ލިބޭނެ ގޮތްތައް މެދުވެރިވެގެން ދިއުން." ޑރ. އުބައިދު ވިދާޅުވި އެވެ.