ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ހާސިލު ކުރަން ނިންމާފައިވާ 10 ކަމެއް ކަސްޓަމްސް އިން މިއަދު އިއުލާންކޮށްފި އެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަސްޓަމްސް އިން ހާސިލު ކުރަން ކަނޑައަޅާފައިވާ ކަންތައްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އަހްމަދު މުހައްމަދު މިއަދު ވިދާޅުވީ ޓާގެޓްތައް ކަނޑައަޅާފައި ވަނީ އެއީ ވާނެ ކަންތައްތައް ކަމަށް ބަލައިގެން ކަމަށެވެ. އަދި އޭގެ ތެރެއިން ހުރިހާ ކަމެއް ހާސިލު ނުކުރެވުނު ނަމަވެސް 80 ޕަސެންޓް ހާސިލުވުމަކީ ވެސް ކާމިޔާބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަސްޓަމުން ފުރަތަމަ 100 ދުވަހުގެ ތެރޭ ހާސިލުކުރަން ކަނޑައަޅަފައިވާ 10 ކަންތަކުގެ ތެރޭ ރާއްޖެ އެތެރެކުރާ ރަލާއި އޫރު މަސް ފަދަ ތަކެތި އިމްޕޯޓް ކުރުމުގެ ހުއްދަ އޮންނަ ފަރާތްނޫން އެހެން ފަރާތްތަކަށް އެތަކެތި ރައްދުނުވާނެ ކަމުގެ ޔަގީންކަން އިތުރުކުރުމަށް ޓަކައި "އީގޭޓްޕާސް ޕޯޓަލް"ގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި އެކްސްޕޯޓް ކުރާ ފަރާތްތަކަށް މިހާރަށް ވުރެ ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެކްސްޕޯޓް ޕޯސްޓެއް ގާއިމުކުރަމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. މީގެ އިތުރުން ވެސް ކުރިއާ ހިދުމަތް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރާ ތަކެތި ކުލިއަ ކުރުމަށް މިހާރު ހޭދަވާ ވަގުތު ދަށްކުރުމުގެ ގޮތުން ޕްރީ ޑިކްލަރޭޝަން ހުށަހެޅޭނެ ނިޒާމެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެވުން ކޮންޓްރޯލު ކުރުމަށް ޓަކައި އިންޓެލިޖެންސް މައުލޫމާތު އެއްކޮށް ޕްރޮފައިލް ހެދޭނެ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން ބަނދަރުތަކުގެ ސަވައިލަންސް އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ހިމަނާފަ އެވެ. ފުރަތަމަ 100 ދުވަހު ހާސިލުކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭ ކަސްޓަމަށް ދައްކަން ޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ ނިޒާމެއް ގާއިމުކުރުމާއި އޮންލައިންކޮށް ކަސްޓަމްސްއާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމު ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އަދި ޕޯސްޓްމަގުން ރާއްޖެ އެތެރެކުރާ މުދާ ސްކްރީންކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި ރާއްޖެ އަށް އެތެރެކުރުމާއި މަނާތަކެއްޗާއި ހުއްދަ ބޭނުންވާ ތަކެތީގެ މައުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ.

ކަސްޓަމުން ކަނޑައަޅާފައިވާ 10 ކަންތަކުގެ ތެރޭ ކަސްޓަމްސްއާއި ކަސްޓަމްސްގެ ބުރޯކަރުންނާއި އަދި މުދާ އިމްޕޯޓުކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކާ އޮންނަ ގުޅުން ހަރުދަނާކޮށް އިތުބާރު އުފެއްދުން ވެސް 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެ އެވެ.