11 Dec 2013, 15:29
ސޫރިޔާއާއި އަވަށްޓެރި ތުރުކީ ގުޅޭ ސަރަހައްދީ ރޮނގު ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި އިސްލާމީ ޖަމާއަތަކުން ހިފައިފި އެވެ.
ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އާހަވާލާދީ ތުރުކީގެ ހުއްރިޔަތު ޑެއިލީ ނޫހުން ބުނީ ސޫރިޔާގެ ހުޅަނގު ދެކުނުން ތުރުކީއަށް ދިއުމަށް އޮންނަ "ބާބުލް ހަވާ" ނަމަކަށް މަގު އިސްލާމީ ގްރޫޕްތަކެއް އެކުވެގެން އުފައްދާފައިވާ ބާރުގަދަ ޖަމާއަތެއް ކަމަށްވާ "އިސްލާމިކް ފްރޮންޓް" އިން ހިފާފައިވާ ކަމަށެވެ. އަދި ބުނީ އެމީހުން އެތަން ހިފީ ހުޅަނގުގެ ތާއީދާ މަދަދު ލިބިފައިވާ ފްރީ ސީރިއަން އާމީ ބަލިކުރުމަށް ފަހު ކަމަށެވެ.
އިސްލާމިކް ފްރޮންޓް އިން ބާބުލް ހަވާ ހިފާފައި މިވަނީ ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރމާކުރަމުންދާ އެހެން ޖަމާއަތެއް ކަމަށްވާ ފްރީ ސީރިއަން އާމީގެ ހަތިޔާރުތަކެއް ވެސް އަތުލުމަށް ފަހުގަ އެވެ. އެ ހާދިސާ ހިނގީ މިދިޔަ ހަފުތާ ބަންދުގައި ކަމަށް ނޫހުން ބުންޏެވެ.
އިސްލާމިކް ފްރޮންޓްގެ އެ އަމަލުގެ ސަބަބުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ކުރިން ވެސް އޮތް ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ. ސޫރިޔާ ސަރުކާރާ ދެކޮޅަށް އެންމެ ފުރަތަމަ ނުކުތް ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ފްރީ ސީރިއަން އާމީގެ ގިޔާދަތު ގަބޫލު ނުކުރާ ކަމަށް އިސްލާމިކް ފްރޮންޓުން މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ.
އިސްލާމިކް ފްރޮންޓް ޖަމާއަތަކީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލައި އެގައުމުގައި އިސްލާމީ ދައުލަތެއް ގާއިމް ކުރުމުގެ މަގުސަދުގައި ކަމަށް ބުނެ، ހަނގުރާމަވެރި ހަ ގްރޫޕެއް އެކުވެގެން އުފައްދާފައިވާ ޖަމާއަތެކެވެ.
ބާބުލް ހަވާ ކްރޮސިން ގެ ކޮންޓްރޯލް ސޫރިޔާ ސަރުކާރަށް ގެއްލުނީ މިދިޔަ އަހަރު އެވެ.