11 Dec 2013, 14:59
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 17.5 ބިލިއަން ރުފިޔާގެ ބަޖެޓުން ބައެއް މިނިވަން މުއައްސަސާތަކަށް ދިނުމަށް ނިންމާފައިވާ މިންވަރު ކުޑަކަމަށް ބުނެ މަޖިލީހުގެ ބަޖެޓް ކޮމެޓީ އަށް ހާޒިރުކުރި ހުރިހާ މިނިވަން މުއައްސަސާއަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިއަދުގެ ހެނދުނު ދަންފަޅީގައި މަޖިލިހަށް ހާޒިރުކުރި ބައެއް މިނިވަން މުއައްސަސާގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބުދުއްސައްތާރު ވިދާޅުވީ އެ ކޮމިޝަނުން ފިނޭންސް މިނިސްޓްރީ އަށް 87 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅާފައިވީ ނަމަވެސް ފިނޭންސުން ދިނުމަށް މިހާރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 57 މިލިއަން ރުފިޔާ ކަމަށެވެ. އާސިމް ވިދާޅުވީ މިއަންނަ އަހަރު ލޯކަލް ކައުންސިލް އާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އޮތުމުން އެ ކޮމިޝަން މިއަންނަ އަހަރު ހިންގޭނީ 87 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބިގެން ކަމަށެވެ.
އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މި އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ހަރަދުތަކަށް މިހާރު ވެސް ގާތްގަނޑަކަށް 27 މިލިއަނެއްހާ ރުފިޔާގެ ބިލްތަކަށް ފައިސާ ނުދެއްކިވާ ކަމަށެވެ. އަދި އެކޮމިޝަންގެ އިންތިހާބުތަކުގައި ހަރަދު ބޮޑުވަނީ ސުޕުރީމް ކޯޓުން ނެރުނު ހުކުމަކާ ގުޅިގެން ކަމަށް ފުއާދު ވިދާޅުވި އެވެ.
މިއަދުގެ ކޮމެޓިގައި ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ޖަމީލާ އަލީ ވިދާޅުވީ އެ ކޮމިޝަނުން 28 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދުނު ނަމަވެސް ފިނޭންސް މިނިސްޓްރީ އިން ހިމަނާފައި ވަނީ 25 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މާބޮޑެތި ދަތިތަކަކާއި ކުރިމަތި ނުވާނެ ކަމަށާއި ނަމަވެސް ބަޖެޓުން އުނިކުރި މިންވަރުދީފި ނަމަ މިއަންނަ އަހަރަށް ރާވާފައިވާ ހުރިހާ ޕްރޮޖެކްޓެއް ފުރިހަމަ ކުރެވޭނެ ކަމަށެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރު އަބްދުﷲ އަލީ ވިދާޅުވީ މުޅި ޖުމުލަ ޖުޑީޝަރީ އަށް 906 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅާފައިވާ އިރު ފިނޭންސުން މިހާރު ދިނުމަށް ނިންމާފައި ވަނީ 400 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ޖުޑީޝަރީ ހިންގުމަށް ކޮންމެހެން ވެސް އިތުރަށް 165 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އެޑްމިނިސްޓްރޭޝަން އިން ބުންޏެވެ. އެގޮތުން އައްޑޫގައި އަންދާލާފައި ހުރި ކޯޓުތަކުގެ މަސައްކަތް ވެސް 20 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު ފިނޭންސުން ދީފައިވާ ބަޖެޓުގައި އެކަމަށް ހިމަނާފައި ވަނީ ހަ މިލިއަން ރުފިޔާ ކަމަށާއި އިތުރަށް ހަތަރު މިލިއަން ލިބިއްޖެ ނަމަ އެ މަސައްކަތް ވެސް ނިންމާލެވޭނެ ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފައިނޭންސް އޮފިޝަލަކު އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ 26 މިލިއަން ރުފިޔާގެ ބެޖެޓެއް ހުށައަޅާފައިވީ ނަމަވެސް ފިނޭންސް މިނިސްޓްރީ އިން ދިނުމަށް ނިންމާފައި ވަނީ 10 މިލިއަން ރުފިޔާ ކަމަށެވެ. އަދި އަންނަ އަހަރު އެ އިދާރާ ހިންގާ އިމާރާތުގެ ކުލި ބޮޑުވުމާއި ރިޓަޔާކުރާ ފަނޑިޔާރުންނަށް ފައިސާ ދޭން ޖެހޭތީ އެވަރުން ބަޖެޓަކުން ނުވާނެ ކަމަށާއި އިތުރަށް 4.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.
މިއަދުގެ ހެނދުނު ބަޖެޓް ކޮމިޓީ އަށް ހާޒިރުކޮށްފައި ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ޖޭއެސްއީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި އިލެކްޝަންސް ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނެނެވެ. މިހާރު ވެސް އަދި މާދަމާވެސް ބައެއް މުއައްސަސާތައް އެކޮމެޓީ އަށް ހާޒިރުކުރުމަށް ވަނީ ނިންމާފަ އެވެ.
ބަޖެޓަށް ބަދަލުތައް ގެންނަ އިރު ބައެއް މުއައްސަސާތަކަށް މަދުވެފައިވާ ކަމަށް ބުނާ މިންވަރު އިތުރުކޮށްދިނުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެ އެވެ.