ރައްޔިތުން މަޖިލީހުން ދިރާސާ ކުރާތާ އެތައް އަހަރުތަކެއް ވެފައިވާ، ޕީނަލް ކޯޑު، ނުވަތަ ގާނޫނުލް އުގޫބާތު ބިލް ކޮމެޓީން ދިރާސާކޮށް މިއަދު ނިންމާލައިފި އެވެ. މިއަދު ބޭއްވި ގާނޫނުލް އުގާބާތު ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމުގައި ގާނޫނުލް އުގޫބާތުގެ ބިލްގެ މަސައްކަތް ނިންމައި ކޮމެޓީގެ ރިޕޯޓް އަންނަ ހޯމަ ދުވަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވެސް ކޮމެޓީން ވަނީ ނިންމާފަ އެވެ. ގާނޫނުލް އުގޫބާތު ދިރާސާކުރާ ކޮމެޓީން އެ ބިލްގެ އެންމެ ފަހުގެ މަސައްކަތެއްގެ ގޮތުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނު އުގޫބާތުގެ ބިލަށް އެޓާނީ ޖެނަރަލް ހުށަހަޅުއްވާފައިވާ އިސްލާޙުތައް ދިރާސާކުރުމުގެ މަސައްކަތެވެ. ގާނޫނުލް އުގޫބާތުގެ ބިލަށް އެޓާނީ ޖެނަރަލް ވަނީ 30 އިސްލާހެއް ގެންނަން ފެންނަ ކަމަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގާނޫނު އަސާސީއާ ތަޢާރުޒްވާ ކަމަށް އެޓާނީޖެނަރަލް އަށް ފެންނަ އިސްލާޙްތަކާއި އަދި އެހެން ގާނޫނުތަކާއި ފުށުއަރާ ކަމަށް އެޓާނީ ޖެނަރަލް އަށް ފެންނަ އިސްލާޙްތަކެވެ. މިއަދު ކުރިއަށް ދިޔަ ގާނޫނުލް އުގޫބާތު ކޮމެޓީގައި ވަނީ އެޓާނީ ޖެނަރަލް ގާނޫނުލް އުގޫބާތުގެ ބިލަށް ހުށަހަޅުއްވާފައިވާ ހުރިހާ އިސްލާޙުތަކަކަށް ކޮމެޓީގެ މެންބަރުން ބަހުސްކޮށްފަ އެވެ. އެގޮތުން އެޓާނީ ޖެނަރަލް ހުށަހަޅުއްވާފައިވާ އިސްލާޙުތަކުގެ ތެރެއިން ގާނޫނުލް އުގޫބާތުގެ ބިލަށް ގެންނަން ފެންނަ ކަމަށް ކޮމެޓީ އަށް ފާހަގަ ކުރެވުނު ބަދަލުތައް ވަނީ ބިލަށް ގެނެސްފަ އެވެ. ގާނޫނުލް އުގޫބާތުގެ ބިލަށް މިއަދު ގެނައި އިސްލާހުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސްކޮށް ރައީސުލްޖުމްހޫރީއްޔާ ތަސްދީގްކޮށް ގާނޫނަކަށްވާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ގާނޫނަށް އަމަލުކުރަން ފަށަން ޖެހޭނެ ކަމަށް ނިންމި އެވެ. ރައްޔިތުންގެ މަޖިލީހުގެ ގާނޫނުލް އުގޫބާތު ކޮމެޓީން މިއަދު ދިރާސާކޮށް ނިންމާލި ގާނޫނުލް އުގޫބާތުގެ ބިލްގައި 1204 މާއްދާ ހިމެނެ އެވެ. ގާނޫނުލް އުގޫބާތުގެ ބިލް މަޖިލީހަށް ފުރަތަމަ ފޮނުވާފައި ވަނީ 2006 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ފަހުން އެ ބިލް އަނބުރާ ގެނެސް އަނެއްކާ ވެސް މަޖިލީހަށް ހުށަހެޅި އެވެ. ދިރާސާކޮށް ނިންމި އައު ޕީނަލް ކޯޑުގައި ހިމެނޭ ބައެއް ބައިތަކާއި މިހާރު އަމަލުކުރާ ޕީނަލް ކޯޑާ ހިލާފަށް އައު ބިލްގައި އެކި ބާވަތުގެ ކުއްތައް ކެޓަގަރީކޮށް ގިންތި ކޮށްފައވެ އެވެ. އަދި އަދަބު ދޭނޭ ތާވަލްތައް ވެސް ހިމަނާފައިވެ އެވެ. އަދި އަރުވާލުމުގެ އަދަބު އެއްގޮތަކަށް ވެސް އަލަށް ދިރާސާކޮށް ނިންމާލި ގާނޫނުލް އުގޫބާތުގައި ހިމަނަފަ އެއްނުވެ އެވެ. ރާއްޖޭގައި މިހާރު އަމަލު ކުރަނީ 1961 ވަނަ އަހަރު އެކުލަވާލީ ގާނޫނުލް އުގޫބާތަކަށެވެ.