ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) މެލޭޝިއާގެ ޕްރިމިއާލީގު (ދެވަނަ ޑިވިޝަން) ކްލަބެއް ކަމަށްވާ ޕޮލިސް ޑި-ރާޖާ މެލޭސިއާ (ޕީޑީއާރުއެމް)އާ ގުޅުމަށް ފަހު އެޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ކާމިޔާބުކޮށްފި އެވެ.

މީގެ ކުރިން މެލޭޝިޔާ ސްޕަލީގުގައި ބްރޫނާއީގެ ޓީމަކަށް ކުޅެފައިވާ ފޯވާޑް ދެވަނަ ފަހަރަށް މެލޭއަށް ދިއުމަށް ފަހު އޭނާ އަލަށް ގުޅުނު ޓީމާއެކު ފުރަތަމަ ކުޅުނު މެޗުގައި ވެސް ދަގަނޑޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސްޕަލީގު ކްލަބެއް ކަމަށްވާ ޕެންޖާރާއާ ދެކޮޅަށް އިއްޔެ ކުޅުނު ރަހްމަތްތެރި ކަމުގެ މެޗުގައި ދަގަނޑޭ ޖަހައިދިން ލަނޑާއެކު މެލޭޝިއާގެ ރޯޔަލް ޕޮލިސް ފޯސްއަށް ނިސްބަތްވާ ކްލަބު މޮޅުވީ 2-0 އިންނެވެ.

ދަނގަޑޭ ބޭރުގެ ޓީމަކަށް މިހާތަނަށް ކުޅެފައިވަނީ މެލޭޝިއާގެ ސްޕަ ލީގުގައި ކުޅޭ ބުރޫނާއީގެ ޑީޕީއެމްއެމް އަށެވެ. ޑިސެމްބަރު 2007 ވަނަ އަހަރު ޑީޕީއެމްއެމް އަށް އޭނާ ކުޅުނީ ދެ މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެފަހަރު ވެސް ދަގަނޑޭ ވަނީ މެލޭޝިޔާގެ ނޫސްތަކުގެ ފުޓްބޯޅަ ސުރުހީތަކުން ޖާގަ ހޯދި އެވެ.

ހުސްވި ސީޒަންގައި ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ހޯދި ހުރިހާ ކާމިޔާބެއްގައި މުހިއްމު ރޯލެއް އަދާކުރި އަދި މިދިޔަ ސީޒަންގައި ގައުމީ ޓީމަށް ކުޅުނުމެޗުތަކާ އެކު ޖުމުލަ 56 ލަނޑު ކާމިޔާބުކުރި ހުނަރުވެރި ފޯވާޑް ޕީޑީއާރުއެމްއާ ގުޅުނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ހުސްވި ނޮވެމްބަރު މަހު އެވެ.