11 Dec 2013, 13:40
ސަރުކާރުގެ ސްކޮލާޝިފްގައި ފުރަތަމަ ޑިގްރީ ހާސިލްކުރާ ޑޮކްޓަރުންނާއި އަލަށް ތަމްރީނުވާ ނަރުހުން މަދުވެގެން އެއް އަހަރު ދުވަހު ހެލްތް މިނިސްޓްރީން ކަނޑައަޅާ މަރުކަޒެއްގައި ހިދުމަތް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މިގޮތަށް ހަމަޖެއްސުމުން ޑޮކްޓަރުންނާއި ނަރުހުން ގައުމަށް ހިދުމަތް ކުރުމަށް އެއްބަސްވާ މުއްދަތުގެ ތެރެއިން މަދުވެގެން އެއް އަހަރު ދުވަސް ސަރުކާރުން ކަނޑައަޅާ ވަކި މަރުކަޒެއްގައި ހިދުމަތް ކުރަންޖެހޭނެ އެވެ.
މިގޮތަށް ނިންމާފައި ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް އެކަށީގެންވާ ފެންވަރުގެ ޑޮކްޓަރުންނާއި ނަރުހުންގެ ހިދުމަތް، ރަށްރަށުގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖެއްސެވުމާއި އެތަންތަނުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ޓަކައި ކަމަށް ރައީސް އޮފީސް ބުންޏެވެ.
ސޯޝަލް ކައުންސިލްގެ މި ނިންމުމާ އެއްގޮތަށް އެކަންތައްތައް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑާ އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ އަންގަވާފަ އެވެ.
މީގެ އިތުރުން މިކަން ކުރުމަށް ހަމަޖައްސަވާ ގޮތާއި އެކަންތައް ހިނގަމުންދާނެ ގޮތުގެ ތަފްސީލު އެކުލަވައިލެއްވުމަށް ފަހު މި ޑިސެންބަރު މަހުގެ 15 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެންގުމަށް ވެސް ރައީސް އޮފީހުން ވަނީ އެދިފަ އެވެ.