11 Dec 2013, 13:31
"ވަން ވޭ ޓިކެޓެއްގައި" މާސްއަށް ދާން ހުޅުވާލުމުން، އެކަމަށް ޝައުގުވެރިވެގެން 200،000 މީހުން ކުރިމަތިލާފައިވާ ކަމަށް މާސް ވަން ފައުންޑޭޝަނުން ބުނެފި އެވެ.
މާސް ވަން ފައުންޑޭޝަނުން ފަށާފައިވާ މިމަޝްރޫއަކީ މާސްގައި އިންސާނުން އާބާދުކުރަން ޖެހިއްޖެ ނަމަ، އެކަން ކުރެވޭނީ ކޮން އުސޫލެއްގެ މަތިންތޯ ބެލުމަށް ހަދާ ދިރާސާއެއްގެ ޕައިލޮޓް ޕްރޮޖެކްޓެކެވެ.
މިމަޝްރޫއުގެ ދަށުން އަނބުރާ ނާދެވޭ ގޮތަށް ހަތަރު މީހަކު މާސް އަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ.
މި އަހަރުގެ އޭޕްރިލް މަހު އިއުލާންކުރެވުނު މިމަޝްރޫއަށް އާއްމުންގެ ތަރުހީބު ލިބެމުންދާ ކަމަށް މާސް ވަން ފައުންޑޭޝަންގެ ބަސް ލެންސްޑޯޕް ވިދާޅުވެ އެވެ. މިގޮތުން މާސް އަށް ދާން އެދި ދެލައްކައަށް ވުރެ ގިނަ މީހުން އެދިފައިވާ ކަމަށް ލެންސްޑޯޕް ވިދާޅުވި އެވެ.
މިހާރުގެ ޕްލޭންތަކުގެ ދަށުން 2011 ވަނަ އަހަރުގެ ތެރޭގައި މިމިޝަންގެ ޓެސްޓް މިޝަންއެއް ޖެއްސުމަށް ވަނީ ހަމަޖެހިފަ އެވެ. މުވާސަލާތީ ސެޓެލައިޓަކާއި މީހަކު ނުލާ އުދުހޭ ޖައްވީ އުޅަނދެއްގެ އެހީގައި ކުރިއަށްދާ ޓެސްޓް މިޝަންގައި ރޮބޮޓިކް ލޭންޑާއެއްގެ އެހީގައި މާސް އަށް ތިރިކުރެވޭތޯ ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.
މިޓެސްޓް މިޝަން ކާމިޔާބުކަމާ އެކު ނިންމާލެވިއްޖެ ނަމަ 2025ގައި ހަތަރު މީހުން މާސްއަށް ފޮނުވާނެ އެވެ.
މިދަތުރަކީ ވަން ވޭ ދަތުރަކަށް ވެގެންދަނީ މާސް އިން ނައްޓާލައިގެން ދުނިޔެއަށް ދަތުރުކުރަން ބޭނުންވާނެ ވަސީލަތްތައް މާސްގައި ނެތުމުގެ ސަބަބުން ނެވެ. މީގެ އިތުރުން ވަންވޭ ދަތުރަކަށް ވުމުން ދަތުރުގެ ހަރަދުތައް ކުޑަވާ ކަމަށް ލެންސްޑޯޕް ވިދާޅުވި އެވެ.
މާސް އަށް ދިއުމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ބަންދުވެފައިވާ އިރު، މިއަހަރު ނިމުމުގެ ކުރިން ކުރިމަތިލާފައިވާ ދެލައްކަ މީހުންގެ ތެރެއިން ދެވަނަ ބުރަށް ހޮވުނު މީހުންނަށް އެކަން އަންގާނެ ކަމަށް މާސް ވަން ފައުންޑޭޝަނުން ބުނެ އެވެ.
މާސް ވަން ފައުންޑޭޝަނުން ބުނީ 2025ގައި ފުރަތަމަ އިންސާނުން މާސްއަށް ފޮނުވުމަށް ފަހު، ޖެހިގެން އަންނަ އަހަރުތަކުގައި ކޮންމެ އަހަރަކު ހަތަރު މީހުންގެ ގުރޫޕެއް މާސްއަށް ފޮނުވުމަށް ރާވާފައިވާ ކަމަށެވެ.
ފުރަތަމަ ފަހަރަށް އިންސާނުން މާސް އަށް ފޮނުވުމުގެ މަޝްރޫއަށް ހަ ބިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.