11 Dec 2013, 13:17
އެމްބީސީ ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި ރޭ ކުޅުނު ގްރޫޕް އެކެއްގެ ޔޫތު ސްޕޯޓްސް އަތުން ކްލަބް އީގަލްސް މޮޅުވިއިރު، އެ ގްރޫޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޔޫއެން ފްރެންޑްސް (ޔޫއެންއެފް) އަތުން ތާފާތު ބޮޑު ނަތީޖާއަކުން ހަރިކޭން ބާސްކެޓްބޯލް ކްލަބު މޮޅުވެއްޖެ އެވެ.
އަންގާރަ ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ޔޫއެންއެފްއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ހަރިކޭން އިން ކާމިޔާބުކުރީ 64 ޕޮއިންޓުގެ ތަފާތުންނެވެ. އެގޮތުން ހަރިކޭން 116 ޕޮއިންޓް ހޯދާފައިވާއިރު ޔޫއެންއެފްއަށް ލިބުނީ 52 ޕޮއިންޓެވެ.
މި މެޗުގައި ޔޫއެންއެފް އަށް އެންމެ ގިނަ ޕޮއިންޓް ހަމަކޮށްދިނީ، 17 ޕޮއިންޓް ހޯދި ހުސައިން ފާރިޝް އެވެ. ހަރިކޭންއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 19 ޕޮއިންޓް ހޯދި އަހްމަދު އަދުހަމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަރިކޭންގެ މުހައްމަދު އަހްމަދު ސަމީރު އެވެ.
ގްރޫޕް އެކެއްގައި ރޭ ކުޅުނު މެޗުގައި ޔޫތުގެ މައްޗަށް އީގަލްސް ކާމިޔާބުހޯދީ 87-44 ޕޮއިންޓުންނެވެ. އެ މެޗުގައި އީގަލްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމުވެސް ހޯދި ޒަކަރިއްޔާ އަބްދުއްލަތީފު އެވެ. އޭނާވަނީ ރޭގެ މެޗުގައި އީގަލްސްއަށް 23 ޕޮއިންޓު ހޯދައިދީފަ އެވެ. ޔޫތަށް އެންމެ ގިނަ ޕޮއިންޓު ރޭގެ މެޗުގައި ހޯދައިދިނީ 16 ޕޮއިންޓު ހޯދި އަހްމަދު ހުޝާމް އެވެ.
މި ގްރޫޕްގައި މިހާތަނަށް ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅެފައިވާއިރު ގްރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ހަރިކޭން އެވެ. އަދި ހަ ޕޮއިންޓާއެކު ސްކޯގެ ތަފާތުން ގްރޫޕްގެ ދެވަނަ ލިބެނީ އީގަލްސް އަށެވެ. ގްރޫޕުގެ ތިންވަނައިގައި އޮތް ޔޫތާއި ހަތަރު ވަނައިގައި އޮތް ޔޫއެންއެފްއަށް ލިބިފައިވަނީ ޓީމަކަށް ދެ ޕޮއިންޓެވެ.
މުބާރާތުގައި މިއަދު ކުރިއަށް ގެންދާނީ ގްރޫޕް ދޭއްގެ ދެމެޗެވެ. އެގޮތުން ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:00ގައި ވާދަކުރާނީ ހަ ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބާއި ދެ ޕޮއިންޓާއެކު ގްރޫޕުގެ ފުލުގައި އޮތް ވީ ޔުނައިޓެޑް އެވެ. އަދި މިރޭ 8:30ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ، ހަތް ޕޮއިންޓާއެކު ގްރޫޕްގެ ކުރީގައި އޮތް ބީޖީ ސްޕޯޓްސް ކްލަބާއި ހަޕޮއިންޓާއެކު ދެވަނައިގައި އޮތް ރެޑްލައިން ކްލަބެވެ.