ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ހަނދާނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރޮން ޑެންމާކުގެ ބޮޑުވަޒީރުގެ ފޯނުން "ސެލްފީ" ނެނގި މައްސަލަ ހޫނުވެއްޖެ އެވެ.

އިއްޔެ ޖުހެނަސްބާގުގެ ސޮކާ ސިޓީ ނުވަތަ އެފްއެންބީ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ނަގާފައިވާ ފޮޓޯއަކުން ފެންނަނީ ޑެންމާކުގެ ބޮޑުވަޒީރު ހެލް ތޯނިންގް-ޝްމިޓްގެ ފޯނުން "ސެލްފީ" ފޮޓޯއެއް ނަގާ އިރު އޮބާމާ އަދި ކެމަރޮން އެފޮޓޯގައި ބައިވެރިވާ ތަނެވެ.

އޭގެ ފަހުން ނެގި "ސެލްފީ" ބެލުމުގައި އޮބާމާ އާއި ކެމަރޮން ހިނިފުޅުވާ މަންޒަރު ފޮޓޯތަކުން ދައްކަ އެވެ.
މިހުރިހާ ކަމެއް ހިނގާ އިރު، އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ "ދެރަވެފައި" އިންނަވާ މަންޒަރު ފެނެ އެވެ.

މިފޮޓޯއާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އޮބާމާއަށް ފާޑުކިޔުއްވާފަ އެވެ. މަންޑޭލާގެ ހަނދާނީ ހަފްލާ ފަދަ މޮޅިވެރި ރަސްމިއްޔާތެއްގައި ހީހަދާ، ސެލްފީ ނެންގެވުން ފަދަ ކަންތައްތައް ކުރުމަކީ ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ސިފަކުރަމުން ނެވެ.

"ސެލްފީ" އަކީ "ސެލްފް-ޕޯޓްރެއިޓް" ނުވަތަ އަމިއްލައަށް ނަގާ އަމިއްލަ މީހާގެ ފޮޓޯ އަށް ކުރުކޮށް ބޭނުންކުރަން ފެށުނު ނަމެކެވެ. ފޭސްބުކު، ޓުވިޓާ އަދި އިންސްޓަގްރާމް ހޯދި މަގުބޫލުކަމާ އެކު ސެލްފީގެ މަގުބޫލުކަން ވެސް ބޮޑުވެގެން ގޮސްފައިވެ އެވެ.