ރ. ދުވާފަރުގައި ޗައިނާ މީހަކަށް ހަމަލަދީ ޒަޚަމްކޮށްލުމާ ގުޅިގެން ކުޑަކުއްޖަކާއި ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ހިންގި މާރާމާރީގައި ޗައިނާ މީހާގެ ލޯމަތި ދުޅަވެ އެކިވަރުގެ އަނިޔާ އޭނާ އަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެމީހާ އަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވީ ކީއްވެގެން ކަމެއް ސާފެއްނުވެ އެވެ.

ފުލުހުން ބުނީ އެމާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުއްޖެއް ކަމަށެވެ.

އެތިން މީހުން ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ 9:00 އެހާކަންހާއިރު ދުވާފަރު މަގުމަތިން ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހައިދީފަ އެވެ.