11 Dec 2013, 12:28
ވާހަކަދެއްކުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމަށް ހާއްސަ މެޝިނެއް އުފައްދައި ޓެސްޓުކުރަން އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ޝެފީލްޑުން ފަށައިފި އެވެ.
ވޮއިސް އިންޕުޓް ވޮއިސް އައުޓްޕުޓް ކޮމިއުނިކޭޝަން ނުވަތަ ވިވޯކާ ނަމަކަށް ކިޔުނު މި މެޝިނުގެ އެހީގައި ވާހަކަ ދައްކަން އުނދަގޫ މީހުންނަށް، މިސާލަކަށް ޑިސްއާތުރިޔާ ނުވަތަ ވާހަކަ ދައްކަން ބޭނުންކުރާ މަސްތަކުގެ ކޮންޓްރޯލް ގެއްލިފައިވާ މީހުން ދައްކާ ވާހަކަ އެހެން މީހުންނަށް ދޭހަކޮށްދެ އެވެ.
މި މެޝިނުގައި ހިމެނެނީ ހަތަރެސްކަން ޓެބްލެޓަކާ މައިކްރޮފޯނެކެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހާއަށް ފަސޭހައިން އޮބައިލެވޭ ތަނެއްގައި ހަރުކުރެވޭ ބޮޑު ރަތް ފިތެއް އޮވެއެވެ.
ރަތް ފިތަށް އޮބައިލުމުން ނުކުޅެދުންތެރިކަން ހުންނަ މީހާ ދައްކާ ވާހަކަ މެޝިނުން އަޑުއަހައި ދެނެގަންނަން ފަށައެވެ. ވާހަކަ ކުރިޔަށް ގެންދިއުމަށްޓަކައި އޭނާ ބުނަން ބޭނުންވެދާނެ ޖުމްލަ ތަކާއި އެހެނިހެން އޮޕްޝަންތައް ޓެބްލެޓުގެ ސްކްރީނަށް އަރައެވެ. މިއިން ކޮންމެ ޖުމްލައަކަށް ވެސް ކުލައެއް ދެވިފައި ހުރެއެވެ. ދައްކަން ބޭނުންވާ ވާހަކައިގެ ކުލަ، މިސާލަކަށް ރެޑް، ނުވަތަ ބްލޫ، މިހެން ބުނުމުން އެ މެޝިނުން އެ ވާހަކައެއް ދައްކައިދެ އެވެ. އަދި ދެން ބުނަން ބޭނުންވެދާނެ ޖުމްލަ ތަކުގެ އޮޕްޝަންތައް ދައްކައިދީ، ކިޔައިދީ، އެނާއާ މެޝިނާ ދޭތެރޭ ބަދަލުކުރެވޭ ކުރު ވާހަކަ ތަކަކުން އަޑުއަހަން ތިބޭ މީހުންނަށް ބުނަން އުޅޭ އެއްޗެއް ދޭހަވާ ގޮތަށް މެޝިނުން ކިޔައިދެ އެވެ.
އަޑުގަދަ ތަންތާންގައި ވެސް މި މެޝިނު ބޭނުންކުރެވެ އެވެ. ނަމަވެސް މެޝިނު ބޭނުންކުރާ މީހާއަކީ ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވޭ މީހަކަށް ވާންޖެހެއެވެ. މުޅިން މަންމަނު މީހުނަށް، ނުވަތަ މެޝިނުން ދައްކައިދޭ ކުލަތައް ބުނުމުގެ ކުޅަދާނަކަން ނުހުންނަ މީހުންނަށް މީގެ ބޭނުމެއް ނުހިފޭނެ އެވެ.
އިނގިރޭސިވިލާތުގައި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވާ ޖަމާއަތެއް ކަމަށްވާ ކޮމިއުނިކޭޝަން މެޓަރސް އިން ބުނީ ޑިސްއާތުރިޔާ ފަދަ ބަލިތައް ހުންނަ މީހުންނަށް ވާހަކަދެއްކުމުގަޔާއި އެމީހުން ދައްކާ ވާހަކަތައް އެހެން މީހުންނަށް ދޭހަކޮށްދިނުމުގައި ވިވޯކާ އަކީ ވަރަށް ބޭނުންތެރި އެއްޗެއް ކަމަށެވެ.
“މީގެ ސަބަބުން ތިމާ ދައްކާ ވާހަކަ ދޭހަ ނުވުމުން ވާ ހާސްކަން ކުޑަކޮށްދީ، އެމީހާއަށް [ބުނަން ބޭނުންވާ ވާހަކައެއް ބުނުމުގެ] މިނިވަންކަން ދޭ،” ކޮމިއުނިކޭޝަން މެޓާސްއިން ބުންޏެވެ.