11 Dec 2013, 12:19
ސްޕެއިންގެ މަޝްހޫރު ފުޓްބޯލް ކްލަބު ބާސެލޯނާގެ އަމިއްލަ ދަނޑު ކަމަށްވާ ނޫ ކޭމްޕު، ޖާގައިގެ ގޮތުން ދަތިވުމާއި ދުވަސް ވުމުގެ ސަބަބުން އެތަން މަރާމާތު ކުރަން ޖެހޭތީ، އެތަން އަލުން ހަދާނީތޯ ނުވަތަ އާ ސްޓޭޑިއަމަކަށް ބަދަލުވާނީތޯ ބަލަން ކްލަބުގެ ސަޕޯޓަރުންގެ ހިޔާލުން ހޯދަން ބާސާއިން ނިންމައިފި އެވެ.
ބާސާގެ ވައިސް ޕްރެޒިޑެންޓް ހަވިއާ ފައުސް ވިދާޅުވީ، މިހާރު 98،000 ހާސްމީހުންގެ ޖާގައިގެ ސްޓޭޑިއަމް 105،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމަކަށް ބަދަލު ކުރުމަށް ގޮތެއް ނިންމުމަށް ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ކްލަބު ބޯޑު މެންބަރުން ބައްދަލުކުރަށްވާނެ ކަމަށާއި އަދި އޭގެ ފަހުން ގޮތެއް ނިންމާނީ ސަޕޯޓަރުންގެ ވޯޓަކުން ކަމަށެވެ.
"ދަނޑަށް ކުދިކުދި ބަދަލުތައް ގެނެސް މަރާމާތު ކުރުމުން މިހާރަށްވުރެވެސް ގޯސްވާނީ، އަދި 12،000 ފޭނުންނަށް ސީޓު އެބަ ގެއްލޭ،" ބާސާގެ އިކޮނޮމިކް ވައިސް ޕްރެޒިޑެންޓް ވިދާޅުވި އެވެ.
ފައުސް ވިދާޅުވީ، ސްޓޭޑިއަމް އަލުން އިމާރާތް ކުރުމަށް 300 މިލިޔަން ޔޫރޯ ހަރަދު ކުރަން ޖެހޭ އިރު ކުޅިވަރު ހޯލަކާއެކު އާ ސްޓޭޑިއަމަކަށް ބަދަލުވާނަމަ 600 މިލިޔަން ޔޫރޯ ހޭދަކުރަން ޖެހޭއިރު މިއީ ބޮޑު ހަރަދެއް ކަމަށެވެ. އެހެން ކަމުން ކްލަބުން ގޮތެއް ނިންމާނީ ސަޕޯޓަރުން ބޭނުންވާ ގޮތް ބެލުމަށް ފަހުގައި ކަމަށް ވެސް ފައުސް ވިދާޅުވި އެވެ.
"މި ކްލަބަށް އަހަރުކު 100އާއި 120 މިލިއަން ޔޫރޯއާ ދެމެދުގެ ފައިސާ ހޯދިދާނެ. އޭގެ ދެބައިކުޅަ އެއްބައި ކުޅިވަރު ޕްރޮޖެކްޓް ތަކަށް ހަރަދުކޮށް އަނެއްބައި އެހެނިހެމް ކަންތަކަށް ހަރަދުކުރާނީ،" އޭނާ އިތުރަށް ވިދާޅުވި އެވެ. "އަހަރެންމެން ބޭނުމެއް ނުވޭ މިކަންތައް ފަސް ކުރާކަށް، އަދި ބޭނުމެއް ނުވޭ މެންބަރުންނަށް 2016 ކުރިން އަގުތައް ބޮޑު ކުރާކަށް ވެސް."
ފައުސް ވިދާޅުވީ، ބާސާއިން އަލަށް ހުށަހަޅާފައިވާ ދެގޮތުން ކުރެ ކޮންމެ ގޮތަކަށް ސްޓޭޑިއަމްގެ މައްސަލަ ހައްލުކުރެވުނު ކަމުގައިވީ ނަމަވެސް އަހަރަކު 30 އާއި 35 މިލިއަން ޔޫރޯ އަހަރެއްގެ ތެރޭގައި އެކްލަބަސް އިތުރަށް ހޯދޭނެ ކަމަށެވެ.
ބާސާއިން 1957 ވަނަ އަހަރު ހުޅުވި ނޫ ކޭމްޕުން އެހެން ތަނަކަށް ބަދަލުވުމުގެ ހިޔާލު ކްލަބުން ގެންގުޅޭ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެހެން ނަމަވެސް ޒަމާންވީ އެ "ނަމާއި ތަން" ދޫކޮށްލުމާ ދޭތެރޭގައި ބޯޑުގެ މެންބަރުންގެ މެދުގައި ވެސް ހިޔާލު ތަފާތުވުން އުފެދިފައިވާއިރު ސާވޭތަކުން ދައްކާގޮތުން ކްލަބުގެ ސަޕޯޓަރުން ވެސް ނޫ ކޭމްޕު ދޫކޮށް ބާސާ އެހެން ސްޓޭޑިއަމަކަށް ދިއުމަށް ބޭނުމެއް ނުވެއެވެ.