ތ. ދިޔަމިގިލީގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ އޮފީހުގައި ރޭ ބަޔަކު ހުޅުޖަހައިފި އެވެ.

ދިޔަމިގިލީގައި ހުންނަ ފެނަކަކޯޕަރޭޝަންގެ އޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އަލީ ވިދާޅުވީ އެ އޮފީހުގައި ރޭ ބަޔަކު ހުޅުޖެހުމުގެ ސަބަބުން އެތަނުގައި ހުރި ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރުތައް ވެސް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

"ދެކޮމްޕިއުޓަރާ ޕްރިންޓަރާ ހުރިހާ ލިޔެކިއުންތައް ވެސް ހުރީ އެއްތަނަކަށް ޖަމާކޮށް އަންދާލާފައި، އެތަކެތި ހުރީ އެއްތަނަކަށް އެއްކޮށްފައި، ދެން މޭޒުތައް ވެސް ވަނީ އަނދާފައި،" މުހައްމަދު ވިދާޅުވި އެވެ.

ފުލުހުން ބުނީ ތ. ދިޔަމިގިލީގައި ފެނަކަކޯޕަރޭޝަނުން ގާއިމްކޮށްފައިވާ އޮފީހުގައި ހުޅުޖަހާގައިވާ ކަމުގެ ރިޕޯޓެއް މިއަދު ހެނދުނު 6.30 އެހާކަށް ހާއިރު ލިބުނު ކަމަށެވެ. އަދި އެ ތަނަށް ވެދެފައި ވަނީ މައި ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ.

އެރިޕޯޓާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

".. ހުޅުޖެހުމުގެ ސަބަބުން އެ އޮފީހުގައި ހުރި ހިފާ ގެންގުޅޭ ހުރިހާ އެއްޗެއް ވަނީ އަނދާފައި. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން. ފުލުހުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރި ވަމުން އަންނަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.