ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާއަކީ، ދުނިޔެ ދުށް އެންމެ ވަރުގަދަ ސިޔާސީ ޝަޚްޞިއްޔަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ، ނެލްސަން މަންޑޭލާ އަވަހާރަވުމާ ގުޅިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި މިއަދު ސޮއިކުރައްވައި ލިޔުއްވި ބަޔާނުގަ އެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، މިނިވަންކަމަށް ޓަކައި ވަރަށް ދިގު މުއްދަތެއް ވަންދެން މަންޑޭލާ ކުރެއްވި މަސައްކަތްޕުޅުތަކާއި، "ރެއިންބޯ ނޭޝަން"ގެ ކާމިޔާބީއާއި އަދި ހިތްވަރާއި ހަމަހަމަކަމާއި އިންސާފުގެ މައިދާނުގައި އެމަނިކުފާނު ގެންގުޅުއްވި ހަރުދަނާ އުސޫލުތައް، ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅޭ މިލިއަނަށް ވުރެ ގިނަ މީހުންނަށް ފެނިގެންދާނީ ވިދަވިދާ ހުރި އަލިތަކެއްގެ ގޮތުގައި ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި، މަންޑޭލާގެ ހިތްޕުޅުގައި އޮތް ވަޠަނީ ލޯތްބާއި އިންސާނީ ކަރާމާތް ހިމާޔަތް ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަކީ، އެތަކެއް ޖީލުތަކަކަށް ދެމިގެންދާނެ އަދި ހަނދާނުން ފިލައިގެން ނުދާނެ މަސައްކަތްޕުޅުތަކެއް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މަންޑޭލާ އަވަހާރަވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. މަންޑޭލާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު އެވެ.