11 Dec 2013, 11:14
އިސްރާއީލުން އަސްކަރީ ބާރުގައި ޤާނޫނާ ޚިލާފަށް އަޅުވެތި ކޮށްގެން އުޅޭ ފަލަސްޠީނުގެ ހުޅަނގުއައްސޭރީގައި ޔަހޫދީ ރައްޔިތުންނަށް އައު އާބާދީތައް ހެދުމަށް އިސްރާއީލުގެ ސަރުކާރުން ހިންގާ މަޝްރޫއާ ގުޅިގެން، އިސްރާއީލާއި ރުމޭނިއާއާ ދެމެދު އަރައިރުންތަކެއް އުފެދިއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ރުމޭނިއާ އާއި އިސްރާއީލާ ދެމެދު ޑިޕްލޮމެޓިކް އަރައިރުންތަކެއް އުފެދުނީ، ހުޅަނގުއައްސޭރީގައި އިސްރާއީލުން ބިނާ ކުރާ ޣައިރުޤާނޫނީ އާބާދީތައް އިމާރާތް ކުރުމުގެ މަސައްކަތުގައި ރުމޭނިއާގެ މަސައްކަތްތެރީން ބޭނުން ކުރުމުގެ ހުއްދަ އިސްރާއީލަށް ދޭން އެ ގައުމުން އިންކާރު ކުރުމުންނެވެ.
އިސްރާއީލުގެ އިމާރާތް ކުރުމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސައްކަތްތެރީންގެ ގޮތުގައި ރުމޭނިއާގެ މަސައްކަތްތެރީން ބޭނުން ކުރުމާ ބެހޭގޮތުން ދެ ގައުމުގެ ދެމެދުގައި ކުރީންވެސް ވަނީ ވާހަކަ ދެކެވިފައެވެ. 2012 ވަނަ އަހަރު އެ ވާހަކަތައް މެދުކެނޑުމަށް ފަހު، އަލުން ވާހަކަތައް ފެށުނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި، އިސްރާއީލުން އަނެއްކާވެސް އެކަމަށް އެދުމުންނެވެ.
ރުމޭނިއާގެ މަސައްކަތްތެރީން އިސްރާއީލުގެ އިމާރާތްކުރުމުގެ ސިނާއަތުގައި ވަޒީފާ އަދާ ކުރުމުގެ ހުއްދަ ދޭން އެ ގައުމުން ބޭނުން ވަނީ، އިސްރާއީލުން ހިފައިފައި ވާ ފަލަސްޠީނުގެ އެއްވެސް ސަރަޙައްދެއްގައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގާ މަޝްރޫއެއްގައި އެ މަސައްކަތްތެރީން ބޭނުން ނުކުރާން އިސްރާއީލުން އެއްބަސްވުމުންނެވެ. ރުމޭނިއާގެ މި ޝަރުތާ މެދު އިސްރާއީލު ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ.
މިކަމާ ބެހޭގޮތުން ރުމޭނިއާ ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާގެ ރަސްމީ ރޭޑިއޯއިން މި ޚަބަރު ކަށަވަރު ކޮށްދީފައި ވެއެވެ.