11 Dec 2013, 10:18
ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުގެ ބަޔާން މިޔުނިކް ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން 10 މެޗުން ކާމިޔާބުކޮށް ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އިން ރޭ ނިމުމަކަށް ގެނެސްފި އެވެ. ބަޔާންގެ ދަނޑުގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގެ މެޗު ސިޓީ ކާމިޔާބުކުރީ ފަހަތުން އަރައި 2-3 އިން ބަޔާން ބަލިކުރުމަށް ފަހު އެވެ.
މެޗުގެ ކުރީ ކޮޅުގައި ރަނގަޅަށް ކުޅުނީ ބަޔާން އިންނެވެ. މެޗުގެ ފަސްވަރަކަށް މިނިޓްގެ ކުޅުން ކުރިއަށް ގެންދިޔަ އިރު ބަޔާން އިން ވަނީ، ސިޓީގެ ގޯލް ހުޅުވައިލައި ކުރި ހޯދައިފަ އެވެ. ބަޔާންގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޑެންޓޭ ތަނަވަސް ކޮށްދިން ފުރުސަތަކުން ތޯމަސް މުލާ އެވެ. އަދި މެޗުގެ 12 ވަނަ މިނިޓްގައި މާރިއޯ ގޮޓްޒާ ވަނީ ލަނޑެއް ކާމިޔާބުކޮށް ބަޔާންއަށް ލީޑު ފުޅާކޮށްދީފަ އެވެ.
http://www.sun.mv/albums/l_21680.jpg
އެލިއަންޒް އެރީނާގައި ބަޔާންއިން 2 ލަނޑުގެ ލީޑެއް ހޯދައިފައިވަނިކޮށް ސިޓީއިން ކުޅުން ރަނގަޅުކޮށް އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 28 ވަނަ މިނިޓްގަ އެވެ. ބަޔާންގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖީސަސް ނަވާޒް ބޮލުން ހުރަސްކޮށްދިން ބޯޅަ ހުށިޔާރު ކަމާއެކު ގޯލްގެ ތެރެއަށް ފޮނުވއިލީ ޑޭވިޑް ސިލްވާ އެވެ.
ސިޓީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، 59 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން އަލެކްސެންޑާ ކޮލަރޯފް އެވެ. އަދި އޭގެ ތިން މިނިޓް ފަހުން، ބަޔާން އިން ޗެމްޕިއަންސް ލީގުގައި ދަމަހައްޓަމުން ގެންދިޔަ މޮޅުވުމުގެ ރެކޯޑް ނިމުމަކަށް ގެނައި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ޖޭމްސް މިލްނާ އެވެ.
http://www.sun.mv/albums/l_21681.jpg
ގްރޫޕް ސްޓޭޖްގައި މިދެޓީމު ކުޅެން ޖެހޭ ހުރިހާ މެޗެއް ނިމިފައިވާއިރު މި ނަތީޖާއާ އެކު ކޮންމެ ޓީމަކަށްވެސް ލިބިފައި ވަނީ، 15 ޕޮއިންޓެވެ. އަދި ދެޓީމު ވެސް ވަނީ ދެވަނަ ބުރަށް ގޮސްފަ އެވެ. އެހެން ނަމަވެސް ސިޓީގެ ދަނޑުގައި 3-1 އިން މޮޅުވެފައި ވާތީ އަވޭ ގޯލްގެ ތަފާތުން ގްރޫޕްގެ އެއްވަނަ ލިބުނީ ބަޔާން އަށެވެ.
ޔޫރަޕްގެ މުބާރާތްތަކުގައި ބަޔާން އަމިއްލަ ދަނޑުގައި އެންމެ ފަހުން ބަލިވި ތިން ފަހަރުވެސް އެޓީމު ބަލިވެފައި ވަނީ، އިނގިރޭސި ކްލަބްތައް އަތުންނެވެ. އެއީ މެސްންޗެސްޓާ ސިޓީ، އާސެނަލް އަދި ޗެލްސީ އެވެ.