11 Dec 2013, 10:00
މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވެފައިވާ ދެކުނު އެފްރިކާގެ ކުރީގެ ރައީސް އަދި އެގައުމުގެ މިނިވަންކަމުގެ ބާނީ ނެލްސަން މަންޑޭލާގެ ހަނދާނުގައި ރާއްޖޭގައި މިއަދު ދަފުތަރެއް ހުޅުވައިފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު އެ ދަފުތަރު ހުޅުވުމަށް ފަހު އެންމެ ފުރަތަމަ ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނެވެ. އެއަށް ފަހު ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ރައީސް އޮފީހުގެ މިނިސްޓަރު އަބުދުﷲ އަމީނު ވެސް ސޮއިކުރެއްވި އެވެ. ދެކުނު އެފްރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް ދަފުތަރުގައި ސޮއިކުރެއްވި އެވެ.
މަންޑޭލާގެ ހަނދާނީ ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރެއްވުމަށް ފަހު ރައީސް ޔާމީނު ވެސް އަދި ނައިބު ރައީސް ޑރ. ޖަމީލު ވެސް މީޑިއާ އަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ނޯބަލް ޕީސް ޕްރައިޒް 1993 ވަނަ އަހަރު ލިބިވަޑައިގެންނެވި މަންޑޭލާ އަވަހާރަވީ އުމުރުފުޅުން 95 އަހަރުގަ އެވެ. މަންޑޭލާ އަވަހާރަވީ ފުއްޕާމޭގެ ކެންސަރަށް ހޮސްޕިޓަލުގައި ތިން މަސް ދުވަހު ފަރުވާ ހޯއްދެވުމަށް ފަހު، އިންޓެންސިވް މެޑިކަލް ކެއާގެ ހިދުމަތް ގޭގައި ބާއްވައިގެން ދެމުން ދަނިކޮށެވެ.
މަންޑޭލާގެ ޖަނާޒާ މިމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ދެކުނު އެފްރިކާގެ ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެ ޖަނާޒާގައި ދުނިޔޭގެ ގިނަ ގައުމުތަކެއް ވެރިންނާއި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވާނެ އެވެ.