އަހްމަދިއްޔާގައި ތިން މަރުހަލާ އެއް ތަނެއްގައި ކުރިއަށް ގެންދަން ޖެހުމުން ތަނުގެ ޖާގައިގެ ދަތިކަން ދިމާވާ ކަމަށާއި އެކަމުގެ ސަބަބުން ސްކޫލަށް ވަންނަން އެދޭ ކުދިންނަށް ޖާގަ ދިނުމަށް ދަތިތަކެއް ކުރިމަތިވާކަމަށް އަހްމަދިއްޔާ ސްކޫލުން ބުނެފި އެވެ.

އަހްމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ އެ ސްކޫލުގައި ޕްރީ ސްކޫލު ތައުލީމު ދިނުމުގެ އިތުރުން ސާނަވީ އަދި މަތީ ސާނަވީ ތައުލީމުވެސް ދެމުން އަންނާތީ ދަރިވަރުންނަށް ޖާގަ ދިނުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށްޓަކައި މިހާރުވެސް ސަރުކާރާއި އެކުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހުމަދިއްޔާއަކީ ތިން މަރުހަލާއަކަށް ކިޔަވައިދޭ ތަނެއްވީމަ، ޕްރީ ސްކޫލަކާއި ސެކަންޑަރީ ސްކޫލަކާއި ހަޔާ ސެކަންޑަރީ ސްކޫލެއް އެއްތަނެއްގެ ތެރޭގައި މެނޭޖްކުރަންވީމަ ވަރަށް އުނދަގޫވޭ. އެހެންވީމާ ވަރަށް ލިމިޓެޑް ސީޓްސް މިހުންނަނީ ކޮންމެ ބަޔަކަށް ވެސް. އަދި އެކަން ހައްލުކުރުމަށް ނިމިދިޔަ ސަރުކާރާއި ވެސް ހިއްސާކުރިން. ނަމަވެސް އަދިވެސް އެދެވޭ ޖަވާބެއް ނުލިބޭ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ޖާގައިގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވާ އަދި އެންމެ ގިނަ ދަރިވަރުން ވަންނަން އެދޭ އަހުމަދިއްޔާ ޕްރީ ސްކޫލަކީ ފެންވަރު ރަނގަޅު ސްކޫލަކަށް ހެދުމަށް އެ ސްކޫލު ހިންގާނެ އެދެވޭ ޖާގައެއް ހޯދުމުގެ މަސައްކަތަށް ކުރިން ވެސް އެދިފައިވާ ކަމަށެވެ. އަދި ދިރާސީ އާ އަހަރު ފެށުމުން އަލުން އެ މަސައްކަތް ފައްޓަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރީ ސްކޫލް ތައުލީމަކީ ކުޅުމުގެ ތެރެއިން އުގަންނައިދިނުމުގެ ބޮޑު ބައެއް އޮންނަ ބަޔަކަށް ވާތީ. އަހްމަދިއްޔާގެ ގޯތި ތެރޭގައި ޖާގަ ނެތުމާއި ކްލާސްރޫމްތަކުގައި ވެސް އެވަރުގެ ސްޕޭސް ނެތުމާއި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި ޕްރީ ސްކޫލު މިހާރު މިހުރި އިމާރާތު ތެރޭގައި ހިންގަން،" ރަޝީދު ވިދާޅުވި އެވެ.

ޕްރިންސިޕަލް އިތުރަށް ވިދާޅުވީ ޕްރީ ސްކޫލަށް ކުރިމަތިލުމަށް މިދިޔަ އާދީއްތަ ދުވަހު ޖާގަ ހުޅުވާލުމުން ވެސް އެކަމަށް މިހާތަނަށް ގާތްގަނޑަކަށް 200 އާއި ގާތްކުރާ އަދަދަކަށް މީހުން ޖާގަ ހޯދުމަށް ކިއުގައި ޖެހުނު ކަމަށެވެ.

ނަމަވެސް މި އަހަރު ޕްރީ ސްކޫލުން ހުޅުވާލާފައި ވަނީ އެންމެ 20 ޖާގަ ކަމަށާއި މިހާރު އެ ޖާގައަށް ކިއު ތަރުތީބުން ފޯމުތައް ދޫކުރަން ފަށާފައިވާ ކަމަށާއި ޕްރީ ސްކޫލުން ޖާގަ ހުސްވާވަރަކުން އެ ފުރުސަތު ހުޅުވާލަމުންދާނެ ކަމަށެވެ. އަދި އަހްމަދިއްޔާ އަށް އަންނަ ކޮންމެ ބޭފުޅަކަށް ވެސް ޖާގަދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.

ތައުލީމީ ގޮތުންނާއި ކުޅިވަރުގެ ގޮތުން ވެސް ބޮޑެތި ކާމިޔާބީތަކެއް ކޮންމެ އަހަރަކު ވެސް ހޯދަމުން އަންނަ އަހުމަދިއްޔާ އަށް ކޮންމެ އަހަރަކު ވެސް ގިނަ ކުދިން ވަންނަން އެދެމުންދާ އިރު އެ ސްކޫލުގެ ޕްރީ ސްކޫލުން މިއަހަރު ވެސް 1300 އަށް ވުރެ ގިނަ ކުދިން ވަނީ ތައުލީމު ހާސިލުކޮށްފަ އެވެ.

ރަޝީދު ވިދާޅުވީ ޕްރީ ސްކޫލުގެ ޖާގައަށް ބާރު ބޮޑުވެފައިވީ ނަމަވެސް އަހުމަދިއްޔާގެ ގްރޭޑް ކްލާސްތަކުން އަދިވެސް ޖާގަ އެބަހުރި ކަމަށެވެ. އެގޮތުން އަހުމަދިއްޔާގެ ގްރޭޑް ކްލާސްތަކުން މި އަހަރު 200 ޖާގަ ދޫކުރާ އިރު ސާނަވީ ހުރިހާ ގްރޭޑަކަށް ވެސް ކޮންމެވެސް ވަރަކަށް ޖާގަ އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ކުރިން އަހަރުތަކާއި އަޅާ ބަލާއިރު މިއަހަރު ރާއްޖެ ތެރެއިން އެ ސްކޫލަށް ވަންނަ ކުދިންގެ އަދަދު މަދު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖެ ތެރެއިން އަންނަ ނިސްބަތް ތަންކޮޅެއް މަދު. ނަމަވެސް މާލޭގެ ޕަރައިމަރީ ގްރޭޑް ހަތެއް ނިންމާފަ އަންނަ ކުދިން ފުދޭވަރަކަށް ގިނައިން އަހްމަދިއްޔާއަށް އާދޭ،" ޕްރިންސިޕަލް ވިދާޅުވި އެވެ.