ރާއްޖޭގެ ރައްޔިތުނަށް އިންސާނީ ހައްގުތައް ލިބިދިނުމުގައި ހުރިހާ މުއައްސަސާތައް އިންސާފުވެރިވާން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސާ މަރިޔަމް އަޒްރާ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ދުވަހާއި އެޗްއާރްސީއެމަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އަޒުރާ ވިދާޅުވީ ރާއްޖެ ސޮއިކޮށްފައިވާ މުއާހަދާތަކުގައި ކަށަވަރުކޮށްދީފައިވާ ހައްގުތައް ލިބުމަށް ހުރި ހުރަސްތައް ނައްތާލަން ޖެހޭ ކަމަށެވެ.

"ގާނޫނު އަސާސީންނާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ލިބިދިނުމުގައި ހުރި ހުރަސްތައް ނައްތާލައި، މިހައްގުތައް ކަށަވަރުކޮށްދިނުމަށް ހަމަހަމަކަމާ އިންސާފުވެރިކަމާއެކު އެންމެހާ މުއައްސަސާތަކުން މަސައްކަތް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އަޒުރާ ވިދާޅުވީ ރާއްޖެއަކީ އިންސާނީ ހައްގުތަކުގެ ގިނަ މުއާހަދާތަކެއްގައި ބައިވެރިވެފައިވާ ގައުމެއް ކަމަށާއި އެ މުއާހަދާތަކަށް ރާއްޖޭގައި އަމަލުކުރަން ލާޒިމް ކުރުމަށް ގާނޫނު ތަކުގައި ހިމެނުން ވަރަށް މުހިއްމު ކަމަށެވެ. އަދި ވިދާޅުވީ އެ މުއާހަދާތައް ދައުލަތުން ތަންފީޒުކުރަމުން ދާ މިންވަރު ކޮމިޝަނުން ބަލަމުން ގޮސްފައި ވާނެ ކަމަށެވެ.

"ދިވެހި ރާއްޖެއަކީ އިންސާނީ ހައްގުތަކުގެ ގިނަ މުއާހަދާތަކެއްގައި ބައިވެރިވެފައިވާ ގައުމެއް، ބިދޭސީ މަސައްކަތްތެރިންގެ މުއާހަދާ ފިޔަވައި މައިގަނޑު ހުރިހާ މުއާހަދާއެއްގައި ވަނީ ބައިވެރިވެފައި މި މުއާހަދާތަކަށް ރާއްޖޭގައި އަމަލުކުރުމަށް ގާނޫނުތަކުގައި ހިމެނިގެން ދިއުން ވަރަށް މުހިއްމު ކަމުގައި ދެކެން،" އަޒުރާ ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ހާސިލުކޮށްފައިވާ ކަންތައްތައް އެޗްއާރްސީއެމްގެ ރައީސާ މިރޭ ފާހަގަކުރެއްވި އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކިޔެވުމުގެ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކުރުމާއި ކުޑަކުދިންނާއި މުސްކުޅިން އަދި ބިދޭސީ މަސައްކައްކަތްތެރިންގެ ހައްގުތައް ހޯދައި ދިނުމަށް ކޮށްފައިވާ މަސައްކަތް އަޒުރާ މިރޭ ފާހަގަ ކުރެއްވިއެވެ.

މިރޭގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. ހަފުލާގައި ވަޒީރުންނާއި މިނިވަން މުއައްސަތަކާއި ކޮމިޝަންތަކުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.