10 Dec 2013, 22:33
1984 ވަނަ އަހަރު އިންޑިއާ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގެ ބަދަލު ހިފުމުގެ ގޮތުން، އެ އޮޕަރޭޝަނުގައި ހަރަކާތްތެރި ވިއެއް އޮފިސަރު، ލެފްޓިނެންޓް ޖެނެރަލް ރިޓަޔަރޑް ކުލްދީޕް ސިންގް ބްރާރް ގަތުލު ކޮށްލި ސިކުންގެ ގޭންގެއްގެ ހަތަރު މީހުންގެ މައްޗަށް އިނގިރޭސި ކޯޓަކުން ޖަލުހުކުމް އިއްވައިފިއެވެ.
އުމުރުން 78 އަހަރުގެ ކުލްދީޕް ސިންގަށް ހަތަރު މީހުންގެ ގޭންގުން ހަމަލާ ދީ، ވަރަށް އަނިޔާވެރިކޮށް އޭނާ މަރައިލައިފައި ވަނީ 2012 ވަނަ އަހަރު، އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގައެވެ. ގޭންގުގައި ހިމެނޭ ހަތަރު މީހުން ކަމަށް ވާ މަންދީޕް ސިންގް ސަންދޫ އާއި، ދިލްބާގް ސިންގް އާއި ހަރްޖީތު ކައުރް އަދި ބަރްޖިންދަރް ސިންގް ސަންގާ އަކީ އިނގިރޭސި ރައްޔިތުންނެވެ.
ކުލްދީޕް ސިންގަށް ހަމަލާ ދީފައި ވަނީ އޭނާގެ އަންހެނުން މީނާ އާ އެކު ރޭގަނޑު ބޭރަށް ނުކުމެލައިގެން އުޅެނިކޮށް، ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ކުލްދީޕް ސިންގަކީ އިންޑިއާގެ އަމްރިތުސަރުގައި ވަކިވެގަންނާން މަސައްކަތް ކުރި ސިކުންގެ ޖަމާއަތަކާ ދެކޮޅަށް އިންޑިއާގެ ސިފައިން ހިންގި އޮޕަރޭޝަން ބްލޫ ސްޓާރ ގައި ހަރަކާތްތެރި ވި އޮފިސަރެކެވެ. އެ އޮޕަރޭޝަނުގެ ތެރޭގައި ސިކުންގެ މަދުވެގެން 500 ވަރަކަށް މީހުން މަރުވިއެވެ. އެއިރުއްސުރެ އެ ސަރަހައްދުގެ ސިކުންގެ، ޚާއްސަކޮށް މަރުވި މީހުންގެ އާއިލާތަކުގެ ރުޅިވެރިކަން އޭނާއަށް އަމާޒު ވެފައި ވެއެވެ.
އިނގިރޭސި ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި ކޮމާންޑަރ ރިޗަރޑް ވޯލްޓަން ވިދާޅުވީ "ތުހުމަތު ކުރެވުނު ހަތަރު މީހުން ހަރަކާތްތެރި ވެފައި ވަނީ ޖެނެރަލް ބްރާރް ގަތުލު ކޮށްލުމަށް ޓަކައި ދުރާލައި ރޭވިގެން، އިންތިޒާމު ކުރެވިގެން ދިޔަ ގޮތެއްގައި" ކަމަށެވެ. "އެމީހުންގެ މަގުސަދަކީ 1984 ވަނަ އަހަރު، އިންޑިއާގެ ސިފައިން، އެ ގައުމުގެ އަމްރިތުސަރުގައި ހުންނަ ގޯލްޑަން ޓެމްޕަލް ހިސާރު ކުރި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ބަދަލު ހިފުން." ވޯލްޓަން ވިދާޅުވިއެވެ.
ކުލްދީޕް ސިންގް މަރާލި ހަތަރު މީހުންނާ ދެކޮޅަށް ޝަރީއަތް ހިންގަމުން ދިޔަ އިރު ވެސް، ސިކުންގެ ޖަމާއަތްތަކުން ވަނީ ކޯޓު ހުންނަ ސަރަހައްދަށް އެއްވެ، އޭނާއަކީ ހަނގުރާމައިގެ މުޖުރިމެއް ކަމަށް ބުނެ އަޑު އުފުލައި، އޭނާއާ ދެކޮޅަށް ޝަރީއަތް ހިންގި ނަމަ މާ ރަނގަޅު ވާނެ ކަމަށް ބުނެ އަޑު އުފުލައިފައެވެ.
ހަތަރު ގާތިލުންގެ ތެރެއިން މަންދީޕް ސިންގާއި ދިލްބާގް ސިންގާ ދެކޮޅަށް އައީ 14 އަހަރުގެ ހުކުމެވެ. ހަރްޖީތު ކައުރުގެ މައްޗަށް އިއްވުނީ 11 އަހަރުގެ ހުކުމެކެވެ. ބަރްޖިންދަރް ސިންގުގެ ހުކުމުގެ މުއްދަތަކީ 10 އަހަރެވެ.