މިއަދު ހަވީރު ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ އެވެ.

މިއަދު ހަވީރު 5:00 ފަހުން މާލޭ އަށް ވެހުނު ވިއްސާރައިގައި އާންމުކޮށް ފެންބޮޑުވާ އަމީނީމަގުގެ ބައެއް ހިސާބުތަކުގައި މިރޭ ވަނީ ދޮޅު ފޫޓަށް ފެންބޮޑުވެފަ އެވެ. އަދި އާންމުކޮށް ފެންބޮޑުނުވާ ސަރަހައްދުތަކުގައި ވެސް މިރޭ ވަނީ ފެންބޮޑުވެފަ އެވެ. އެގޮތުން ލޮނު ޒިޔާރަތްމަގާއި މަޖީދީމަހުގެ ހުޅަނގު ފަރާތާއި އޯކިޑްމަގުގައި ވެސް ވަނީ ކޮންމެވެސް ވަރަކަށް ފެންބޮޑުވެފަ އެވެ. މިއަދު ހަވީރުން ފެށިގެން މާލެއަށް ވެހުނު ވާރޭ ހުއްޓާލީ މިރޭ އިރާކޮޅު 8:00 ޖެހި ފަހުންނެވެ.

އެމްއެންޑީއެފުން ބުނީ މިރޭ 19:55 އިން ފެށިގެން ޣިޔާސުއްދީން އިންޓާނޭޝަނަލް ސްކޫލް ސަރަޙައްދުގައި ޕަމްޕް ޖައްސައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.