މާދަމާއަކީ މި ގަރުނުގައި ދެން އަންނާނެ އެންމެ ރީތި ތާރީހަށްވުމުން، 11.12.13ގެ "ރީތި ތާރީހުގައި" 68 ކައިވެނި މާލޭގައި ކުރުމަށް ފެމެލީ ކޯޓުގައި ރަޖިސްޓްރީކޮށްފި އެވެ.

"ސަން" މައުލޫމާތު ދެއްވަމުން ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އަހްމަދު އަބްދުﷲ ވިދާޅުވީ ކައިވެނިކޮށްދިނުން މާދަމާ ހެނދުނު ފެށިގެންދާއިރު ކޯޓުގައްޔާއި އަދި ގޭގެއަށް ގޮސް ވެސް ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ކައިވެނިކޮށްދިނުން ފެށޭނީ މާދަމާ ހެނދުނު. ފެމެލީ ކޯޓުގައި އަދި ގޭގެއަށް ގޮސް ވެސް ކައިވެނިކޮށްދިނުމަށް ވަނީ ހަމަޖެހިފައި،" އަހްމަދު އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ އަހަރަކު ވެސް އަންނަ ރީތި ތާރީޚުތަކުގައި ކުރާ ކައިވެނީގެ އަދަދު އިތުރުވާކަން ފާހަގަކުރެވޭ ކަމަށެވެ.

ފެމެލީ ކޯޓުން ބުނީ މިދިޔަ އަހަރު އައި އެންމެ ރީތި ތާރީހު ކަމަށްވާ 12.12.12 ގައި 54 ކައިވެނި މާލޭގައި ކޮށްފައިވާ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އިން ދާދި ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖޭގައި 5699 ކައިވެނި ވަނީ ކޮށްފަ އެވެ. އަދި 3011 ވަރިކޮށްފައިވާ ކަމަށް ވެސް އެތަނުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ.