10 Dec 2013, 19:39
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) އެކައުންޓްތަކަކުން، އޭޓީއެމް މެދުވެރިކޮށް، ގިނަ އަދަދެއްގެ ފައިސާ ނެގި ބިދޭސީ ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ވަނީ އެ ދެ އޭޓީއެމުން ފައިސާ ނަގަނިކޮށް، ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ. ވީޑީއޯ އިން ފެންނަނީ ރާއްޖޭ އިން ބޭރު ދެ މީހަކު ވެލާނާ ބިލްޑިންގެ އޭޓީއެމް ދެ މެޝިނަކުން ކާޑެއް ޖަހައިގެން ފައިސާ ނަގާތަނެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ވީޑިއޯ އިން ފެންނަ ދެ މީހުން ވަނީ ބީއެމްއެލްގެ އެކި އެކައުންޓްތަކަކުން، މާލޭގެ އެކި ސަރަޙައްދުތަކުގައި ހުންނަ އޭޓީއެމްތަކުން ގިނަ އަދަދެއްގެ ފައިސާ ނަގާފައި ކަމަށެވެ. އެ މީހުން އެކަން ކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 17 އަދި 18 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުން އެޓީއެމްތަކުން ވަގަށް ނެގި ފައިސާގެ އަދަދެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
http://www.youtube.com/watch?v=waRQtGMHVYM
އެ ވީޑިއޯއިން ފެންނަ ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް އިނގޭ ފަރާތެއްވާ ނަމަ އެ މަޢުލޫމާތު ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111، ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ބުންޏެވެ.
އެފަދަ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.
ބީއެމްއެލް އިން މިރޭ ބުނީ ކާޑުން ފައިސާ ނެގޭނެ ހަމައެކަނި ގޮތަކީ ކާޑުގެ ޕިން ނަމްބަރު އެނގޭ މީހަކަށް ކަމަށެވެ. އަދި އެއްވެސް ކާޑެއްގެ ޕިން ނަމްބަރެއް ތިން ވަނަ މީހަކަށް އެނގޭނީ އެ ކާޑެއްގެ ވެރިފަރާތުން ދިނުމުން ކަމަށެވެ.
ނަމަވެސް ބޭންކުން ބުނީ ރެސްޓޯރަންޓް ކެފޭ ތަންތަނުގެ ވޭޓަރުންނާއި ފިހާރަތަކުގެ ކައުންޓަރުގައި ތިބޭ މީހުންނަށް ކާޑުތަކުގެ ވެރި ފަރާތްތަކުން ޕިން ނަމްބަރު ހަވާލު ކުރާ ކަމަށާއި އެ ނުރަނގަޅު އާދަ އަދިވެސް ތަކުރާރު ކުރާ ކަމަށެވެ.
ބޭންކުން ބުނީ ތިމާގެ މީހަކަށް ވެސް ކާޑުގެ ޕިން ނަމްބަރު ޝެއާ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެ ބޭންކުން ބުނީ ކާޑާ ހަވާލުވާ އިރު އިގްރާރުވާ ގޮތަށް އަމަލު ކުރާ ފަރާތްތަކުގެ ކާޑަކަށް އެފަދަ ކަމެއް ނުވާނެ ކަމުގެ ޔަގީން ކަން ދޭ ކަމަށެވެ.