ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 17.5 ބިލިއަން ރުފިޔާގެ ބަޖެޓްގައި ސަރުކާރުގެ ވައުދުތައް ފުއްދުމަށް 400 މިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ ޕްރޮޖެކްޓްތައް ހިންގުމަށް 500 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ އަލަށް ހުށައެޅި ބަޖެޓް، މިދިޔަ އަހަރަށް ކުރިން ހުށައަޅާފައިވާ ބަޖެޓަށް ވުރެ 1.5 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާނެ ކަމަށާއި އެ ބަޖެޓުގައި ސަރުކާރުން ދައްކަން ޖެހޭ ބިލްތައް ދެއްކުމަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށެވެ.

ބަޖެޓުގައި ސަރުކާރުގެ ވައުދުތައް ފުއްދުމަށް 400 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާ އިރު އޭގެ ތެރެއިން ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮޖެކްޓްތަކަށް 200 މިލިއަނެއްހާ ރުފިޔާ ކަނޑައަޅާފައިވާ އިރު ދަނޑުވެރިކަމުގެ ދާއިރާ އަށް 45 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ޖިހާދު ވިދާޅުވި އެވެ. އަދި "ބެޔަސް ނުބެޔަސް 10000ރ." ދޭ ވައުދަށް ވެސް ހަރަދުތައް ހިމެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަނިވެރިންނަށްދޭ ފައިސާ ވެސް ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް ދުވަސްވީ މީހުންނަށްދޭ ފައިސާ ދޭނީ އިންޝުއަރެންސް ސުކީމެއްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ ބަޖެޓުން ބޮޑު ހަރަދެއް ހިނގާނެ ދެ ދާއިރާއަކީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އަށް ކަމަށެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުސާރައިގެ އޮނިގަނޑުތަކަށް ބަދަލުގެނެސް ބައެއް އެލަވަންސްތައް ބަދަލުކުރެވިގެންދާނެ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ. އަދި ދައުލަތް ހިންގުމަށް މެގަ ޕްރޮޖެކްޓްތަކުން ފައިސާ ހޯދުމާއި ޓީ ބިލަށް ބަރޯސާވުން ކުޑަކޮށް ލިބޭ އާމުދަނީ އަށް ބަރޯސާވުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އާމުދަނީ އިތުރުކުރުމަށް މުއްދަތު އިތުރު ކުރި ރިސޯޓްތަކުން އަޕްފްރަންޓްކޮށް ކުލިނެގުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް 1.2 ބިލިއަން ރުފިޔާގެ އާމުދަނީއެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޓީޖީއެސްޓީ އާއި ޑިޕާޗާޓެކުސް 18 ޑޮލަރުން 25 ޑޮލަރަށް ބޮޑުކުރުމާއި ރެވެނިއު ސްޓޭމްޕްގެ އަގު ބޮޑުކުރުމާއި އިމްޕޯޓް ޓެކުސް ގާނޫނަށް ބަދަލު ގެނައުމާއި ޓެލެކޮމިއުނިކޭޝަން ދާއިރާ އިން ޓެކްސް ނެގުމަކީ އާމްދަނީ އިތުރުކުރުމަށް ސަރުކާރުގެ ވިސްނުންތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.