ނާސާ އަށް ކުރިމަތިވަމުން އަންނަ ފައިސާގެ ދަތި މައްސަލަތަކުން ސަލާމަތްކުރުމަށް އެމެރިކާގެ ސިޓީއެއް ކަމަށްވާ ޑެންވަރ ގެ ހަ އަހަރުގެ ކުއްޖަކު އޮންލައިން ޕެޓިޝަނެއް ހުޅުވާލައިފި އެވެ.

ބޮޑުވެގެން އެސްޓްރޮނަޓް އަކަށް ވާން ބޭނުންވާ، ކޮނޯ ޖޯންސަން މި ޕެޓިޝަން ފެށީ އެމެރިކާގެ ކޮންގްރެސް އިން ނާސާ އަށް ދެމުން އަންނަ ފަންޑް ތައް ހުއްޓާލާ ކަމުގެ އަޑު އިވުމާ ގުޅިގެންނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ނާސާ އިނދަޖެހިއްޖެ ނަމަ އޭނާގެ ހުވަފެންތައް ގެއްލިގެން ހިނގައިދާނެއެވެ.

"އަހަރެން އެންމެ ފުރަތަމަ އުޅުނީ ރައީސް އޮބާމާ އަށް ސިޓީއެއް ލިޔަން. ދެން ނިންމީ އަހަރެން އެއްކުރާ ހުރިހާ ފައިސާ ތަކެއް ނާސާއަށް ދޭން. އަހަރެންގެ އަތުގައި 10.41 ޑޮލަރު އެބަހުރި" ޖޯންސަން ބުންޏެވެ.
މިހިޔާލުތައް އެނގުމުން ޖޯންސަންގެ އާއިލާއިން އޭނާ އަށް އޮންލައިން ޕެޓިޝަން ހުޅުވަން އެހީތެރި ވެދިނެވެ.

ޖޯންސަން އިތުރަށް ބުނި ގޮތުގައި އޭނާއަށް ވައިޓް ހައުސް އިން ޖަވާބު ލިބޭނީ 100000 މީހުންގެ ސޮއި ލިބިގެންނެވެ. އަދި ހޯމަ ދުވަހާ ހަމައަށް ގާތްގަނޑަކަށް 5000 މީހުންގެ ސޮއި އޭނާ އަށް ވަނީ ލިބިފަ އެވެ.

ނާސާ އަށް ދެމުން އަންނަ ފަންޑިން މަދުކުރުމުގެ ބިލާއި ގުޅޭ ގޮތުން "ދަ ސައިންސް ގައި" ގެ ނަމުން މަޝްހޫރު ވެފައިވާ ބިލް ނައި ވަނީ ރައީސް ބަރަކް އޮބާމާ އަށް ސިޓީ އެއް ލިޔެ ވީޑިއޯއެއް އާންމު ކޮށްފައެވެ. ދަ ޕްލެނިޓަރީ ސޮސައިޓީ ގެ ސީއީއޯ ގެ މަގާމު ވެސް އަދާ ކުރާ ނައި ވަނީ ޖައްވުމުގެ ހޯދުންތައް ހޯދާ ދިރާސާ ކުރާ މަސައްކަތަށް ދެމުން އަންނަ ފައިސާ ދަމަހައްޓައިދިނުމަށް ރައީސް އޮބާމާގެ ކިބައިން އެދިފައެވެ.