ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ އެކު ސުޕީރިއާ ކޯޓުތަކުގެ ބައެއް ގާޒީން އެކި އެކި ކޯޓުތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަދަލުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ އަށް އެމަނިކުފާނު ފޮނުއްވި ސިޓީފުޅެއްގަ އެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ހ)ގެ ދަށުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަން ކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ބަދަލުކުރުމުގެ ބާރު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލިބިދީފައިވީ ނަމަވެސް، އެ ބާރަކީ މުތުލަގު ބާރެއް ނޫން ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ފަނޑިޔާރަކު އައްޔަން ކުރެވޭ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމާ ބެހޭ ގޮތުން ގޮތެއް ނިންމަން ވާނީ ޖުޑީޝަލް ކައުންސިލްގެ ލާފާގެ މަތިން ކަމަށާއި ޖުޑީޝަލް ކައުންސިލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީސް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން ފަނޑިޔާރަކު އައްޔަންކުރެވޭ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުން ފަދަ ކަންކަމުގައި ގޮތެއް ނިންމޭނީ ސުޕްރީމް ކޯޓުގެ މަޝްވަރާގެ މަތިން ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.