10 Dec 2013, 14:59
ދައުވާ ރައްދުވާ ކުއްޖަކު ކޯޓަށް ހާޒިރުވެފައިނުވާތީ ގދ. ތިނަދޫ ޕޮލިސްޓޭޝަންގައި ހުޅުޖެހި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ ކުރި ހަތަރު ކުދީންގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް މިއަދު 2:00 އަށް ތާވަލްކުރުމަށްފަހު ދައުވާ ރައްދުވާ ހުރިހާ ކުދީންނަށް ވެސް އެ ގަޑިއަށް ކޯޓަށް ހާޒިރުވުމަށް ޗިޓް ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެތެރެއިން އެއްކުއްޖަކު ކޯޓަށް ހާޒިރުވެފައިނުވާތީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ކެންސަލްކޮށްފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
"ދައުވާ ރައްދުވާ ހުރިހާ ކުދީންނަށް ވެސް ޖުވެނައިލް ކޯޓުން ވަނީ ޗިޓް ހަވާލުކޮށްފައި. ނަމަވެސް އޭގެތެރެއިން އެއްކުއްޖަކު ކޯޓަށް ހާޒިރުވެފައިނުވޭ. އެހެންކަމުން މިއަދު ބާއްވަން ހަމަޖެހިފައި އޮތް ޝަރީއަތުގެ މަޖިލީސް ވަނީ ކެންސަލް ކޮށްފައި،" ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލަ ދެން ތާވަލްކޮށްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ 10:00 އަށް ކަމަށާއި ކުރިންވެސް ނިންމާފައިވާގޮތަށް އެދުވަހު އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ ފްޓޭޖްތަކާއި ފޮޓޯތައް ބެލުން ކަމަށެވެ.
އެ ހަތަރު ކުދީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ހަވީރު 4:30 އާއި ރޭގަނޑު 8:30އާ ދެމެދުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު ތިނަދޫ ޕޮލިސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ، ތިނަދޫ ޕޮލިސްޓޭޝަންގެ އިމާރާތަށާއި މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
އެދުވަހުގެ ހަމަނުޖެހުންތަކުގައި ތިނަދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ޕޮލިސްޓޭޝަންގައި ބޭނުންކުރަމުންދިޔަ އެންމެހައި ވެހިކަލްތަކުގައި ވެސް ހުޅުޖަހައި އަންދާލާފަ އެވެ.
ޕޮލިސްޓޭޝަންގެ އިތުރުން ތިނަދޫ ކޯޓާއި އެރަށުގައި ހުންނަ ގދ. އަތޮޅު ކައުންސިލް އިދާރާގައި ވެސް ވަނީ ހުޅުޖަހައި އަންދާލާފަ އެވެ.
އެ ހަތަރު ކުދީން ދައުވާ އަށް އިންކާރު ކުރުމާ ގުޅިގެން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގާފައި ވަނީ ކާކުކަން ނޭނގޭގޮތަށް އަޑުބަދަލުކޮށްގެން ސިއްރުންނެވެ.
ދައުވާގައި ބުނެފައިވާ ޓެރަރިޒަމްގެ އެއްވެސް އަމަލެއް ހިންގާފައި ނުވާކަމަށް ބުނެ އެކަން ޝަރީއަތަށް ސާބިތުކޮށްދިނުމަށް އެ ހަތަރު ކުދީން ދިފާއުގައި ހުށަހެޅި ހެކީންގެ ހެކިބަސް ވެސް ވަނީ ނަގާފަ އެވެ.