ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯސް ފަށަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގައެވެ. މި ކޯހުގެ ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ފެކަލްޓީ އޮފް އާޓްސްގެ ޑީން އަބްދުއްރަޝީދު ޢަލީ ސަންއަށް ވިދާޅުވި ގޮތުގައި މިކޯސް ފަރުމާކޮށްފައިވަނީ އޮސްޓްރޭލިޔާގެ ފަރާތުން ފޮނުއްވާފައިވާ ކޮންސަލްޓަންޓް ޑރ. ރޮބަޓް ކާރ އާއި ޕޮލިޓިކަލް ސައިންސްގެ ރޮނގުން ކިޔަވާވިދާޅުވެގެން ދިވެހިރާއްޖޭގައި ތިއްބެވި ޑޮކްޓަރޭޓް ފެންވަރުގެ ބޭފުޅުންގެ އެހީތެރިކަމާއެކުގައެވެ.

"މިކޯސް ފަރުމާކުރުމުގެ ކުރިން ދާއިރާގެ ބޭފުޅުންނާ ބައްދަލުކޮށް ޚިޔާލު ހޯދުނު. ދިވެހިރާއްޖޭގެ މައިގަނޑު ސިޔާސީ ޕާޓީތަކާއި ރައްޔިތުން މަޖްލިސްގެ ބައެއް މެންބަރުންނާއި ފޮރިން މިނިސްޓްރީއާއި ދިވެހިރާއްޖޭގައި ހުންނަ ބައެއް ހައިކޮމިޝަންގެ ބޭފުޅުންނާ މަޝްވަރާކުރެވުނު. އެހެންކަމުން މިކޯހަކީ ސީދާ ދިވެހިރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް ފަރުމާކުރެވިފައިވާ ކޯހެއް. ރާއްޖޭގެ ސިޔާސީ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ފަދަ ދުވަސްވަރެއްގައި ރާއްޖޭގެ މާޙައުލު ދިރާސާ ކުރެވިގެން ފަރުމާ ކުރެވޭ ޕޮލިޓިކަލް ސައިންސް ކޯހެއް ވަރަށް މުހިންމު." އަބްދުއްރަޝީދު ވިދާޅުވިއެވެ.

ތިން އަހަރު ދުވަހުގެ މި ކޯހުގައި ޕޮލިޓިކަލް ތިއަރީއާއި، ކަލްޗަރ އިން ޕޮލިޓިކްސް އިން އަ މޮޑާރން ވާރލްޑް، ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ހިއުމަން ރައިޓްސްއާއި، ލީޑަރޝިޕް އެންޑް ޕޮލިޓިކްސް، ކޭމްޕެއިނިންގ ފޮރ ޕަވަރ، ކޮމްޕަރޭޓިވް ޕޮލިޓިކްސް އެންޑް ޕަބްލިކް ޕޮލިސީ އަދި ޕޮލިޓިކަލް އިންޓަރންޝިޕް ފަދަ ރާއްޖެއަށް ބޭނުންތެރި މާއްދާތައް ކިޔަވައިދެވޭނެއެވެ.
މިކޯހުގައި ކިޔަވައިދެއްވާނީ މިރޮނގުން ތަޢުލީމް ޙާޞިލުކުރައްވައިގެން ތިއްބެވި ދިވެހިރާއްޖޭގެ ބޭފުޅުންނާއި ބޭރުގެ ތަޖުރިބާކާރުންނެވެ.

ކޯހާބެހޭ އިތުރު މަޢުލޫމާތު ފެކަލްޓީ އޮފް އާޓްސްގެ ވެބްސައިޓު، mnuarts.comން ލިބިވަޑައިގަންނަވާނެ ކަމަށާއި ފެކަލްޓީ އޮފް އާޓްސްގެ ފޯން 3345177 އާ ގުޅުއްވުމުންވެސް މައުލޫމާތު ލިބިވަޑައިގަންނަވާނެ ކަމަށް އަބްދުއްރަޝީދު ވިދާޅުވިއެވެ.