މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ހުންނަ އޭއެފްސީ ހައުސްގައި މިއަދު ނެގި އޭއެފްސީ ކަޕް 2014ގެ ގުރުގައި ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް މުބާރާރުގެ ގްރޫޕް އީގައި ލައްވަލިއިރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ގްރޫޕް އެފްގައި ލައްވައިލައިފި އެވެ.

އެންމެ ފަހުން ބޭއްވި އޭއެފްސީ ކަޕްގައި ވެސް ރާއްޖެއިން ވާދަކުރީ ހަމަ މި ދެކުލަބެވެ. ގްރޫޕް އީ ގައި ރާއްޖޭގެ ނިއުގެ އިތުރުން ވާދަކުރާނީ، އިންޑޮނީޝިއާގެ ޗެމްޕިއަން ޕަސިޕޫރާ ޖަޔަޕޫރާ އާއި ސިންގަޕޫރުގެ ހޯމް ޔުނައިޓެޑާއި އިންޑިއާގެ ޗެމްޕިއަން ޗާޗިލް ބްރަދާސް އެވެ.

ގްރޫޕް އެފްގައި މާޒިޔާގެ އިތުރުން ވާދަކުރާނީ މެލޭޝިއާގެ ޗެމްޕިއަން ސެލަންގޯ އާއި ވިއެޓްނާމްގެ ހެނޮއީ ޓީއެންޓީ އާއި އިންޑޮނީޝިއާގެ އަރެމާ ކްރޮނޯސް އެވެ.

އޭއެފްސީ ކަޕްގައި ނިއު މީގެ ކުރިން ފަސް ފަހަރު ވާދަކޮށްފައިވާއިރު އެ ކްލަބު ވަނީ، 2005 ވަނަ އަހަރު އެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ. އަދި އެންމެ ފަހުން ބޭއްވި މުބާރާތުގައި ކުއާޓާ ފައިނަލާ ހިސާބުން ނިއުއަށް މުބާރާތާ ވަކިވާން ޖެހުނީ، ޗެމްޕިއަން ކުވައިތު ސްޕޯޓްސް އަތުން ބަލިވުމުން ނެވެ.

މި އަހަރަކީ މާޒިޔާ މި މުބާރާތުގައި ވާދަކުރާ ދެވަނަ ފަހަރު ކަމަށްވާއިރު އެ ޓީމުން ވަނީ، މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި ގްރޫޕް ސްޓޭޖުން މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް، ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.