ދީނުގައިވާ ހެޔޮގޮތްތައް ދެނެގަނެ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް ކުރަން ހުރި މަސައްކަތްތައް އިތުރަށް ދެނެގަންނަން ޖެހޭ ކަމަށް އެޗްއާރުސީއެމުން ބުނެފި އެވެ.

އެޗުއާރުސިއެމުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ދީނުގައިވާ ހެޔޮގޮތްތައް ދެނެގަނެ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް ކުރަން ހުރި މަސައްކަތްތައް އިތުރަށް ދެނެގަންނަން ޖެހޭ ކަމަށާއި އެ ރޮނގުން އަދިވެސް ރާއްޖޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.

ކޮމިޝަނުން އަދި ބުނީ އިންސާނާ ކަރާމާތްތެރިކަމާ އެކު ދިރިއުޅުމަށް ބޭނުންވާ އެންމެހާ ކަންތައްތައް އިންސާނީ ހައްޤުތަކުގެ ތެރޭ ހިމެނޭ އިރު، އެންމެން ވެސް އަނެކާގެ ހައްޤުތަކަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.

އެކޮމިޝަނުން އަދި ބުނީ ހައްޤުތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބަކީ ހައްޤުތަކަށް އިހުތިރާމް ނުކުރުން ކަމަށެވެ. އަދި ބާރުވެރި ފަރާތްތަކުގެ ބާރުހުރިކަން ދައްކާލުމުގެ ގޮތުން އަނިޔާވެރިވެ، ބިރުދައްކައި އަދި އިންސާނާގެ ކަރާމާތްތެރިކަން ނަގާލެވޭ ގޮތް އެންމެ ބޮޑަށް ދިމާވަމުން ދަނީ ޚާއްސަ އަޅާލުމާއި ރައްކާތެރިކަން ލިބެން ޖެހޭ ފަރާތްތަކަށް ކަމަށެވެ. އަދި މުޖުތަމަޢުން އެކަހެރި ކުރެވިފައިވާ ފަރާތްތަކަށެވެ.

ޤާނޫނީ ރައްކާތެރިކަން އިންސާފުވެރިކަމާއެކު ފޯރުކޮށްދޭން ޖެހޭ ކަމަށާއި އެ މުއައްސަސާތައް ފުރިހަމައަށް މަސައްކަތްކޮށް، އަނިޔާ އާއި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކުން މުޅި ދިވެހި މުޖުތަމަޢު ސަލާމަތްކުރަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

"... ފާއިތުވި 10 އަހަރު ރާއްޖޭގައި އިންސާނީ ހައްޤުތަކުގެ ވާހަކަ މަޑުމަޑުން ދެކެވެން ފެށިގެންއައިސް، މިހާރު ހައްޤުތަކުގެ ވާހަކައަކީ އެންމެ ގަދައަޑުން އެންމެ ގިނައިން ދެކެވޭ އެއްވާހަކަ ކަމަށެވެ. އަދި ކޮންމެ ޢާއިލާއެއްގައި ވެސް ކޮންމެވެސް މިންވަރަކަށް ކޮންމެ ދުވަހަކުހެން ހައްޤުތަކެއް ހޯދުމަށް، ނުވަތަ ވަކި ހައްޤެއް ލިބެންޖެހޭނެކަމުގެ ވާހަކަ ދެކެވޭ ކަމަށެވެ. މިއީ އިންސާނީ ހައްޤުތަކުގެ ދުވަސް ފާހަގަކުރާއިރު އުފާކުރާ ކަމެކެވެ." ބަޔާނުގައިވެ އެވެ.

ކުޑަކުދިންނާއި ޅަފުރައިގެ ކުދިން، އުމުރުންދުވަސްވި މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމައުގެ ޚާއްސަ ރައްކާތެރިކަން ޤާނޫނު އަސާސި އިން ކަށަވަރުކޮށްދޭ ބަޔަކަށްވީ ހިނދު އެ ހައްޤުތައް ލިބިދިނުމަށް ޓަކައި އަދިވެސް ހަދަންޖެހޭ ޤާނޫނުތައް ހަދައި އަވަހަށް ފާސްކުރެވެން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުގެނުމުގެ ފުރުސަތު ފަހިވެފައޮތީ ކިހާ މިންވަރަކަށްތޯ ދެނެގަތުމުގެ ގޮތުން މުޅި ރާއްޖެ އަށް އަމާޒްކޮށްގެން ފަށާފައިވާ ތަހުޤީގުގައި މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާއިރު ވެސް ޤާނޫނު ތަންފީޒު ނުވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި މިފަރާތްތަކަށް ޚާއްސަ ރައްކާތެރިކަމާއި އަޅާލުން ލިބިދީފައި ނުވާކަން އެޗުއާރުސީއެމުން ފާހަގަ ކޮށްފައިވެ އެވެ.

އެކޮމިޝަނުން އަދި ބުނީ އދ.ގެ ހިއުމަންރައިޓްސް ކައުންސިލްގެ ގޮނޑި ރާއްޖެ އިން ދެވަނަފަހަރަށް ކާމިޔާބުކުރުމަކީ ދިވެހި ރައްޔިތުންނަށް އިންސާނި ހައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމަށް އިތުރު އުންމީދުތަކެއް އާލާވި ކަމެއް ކަމަށެވެ.