މިދިޔަ މަހު އައްޑޫ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި މަރުވި 13 އަހަރުގެ އަންހެން ކުއްޖާ އަށް އިންޝުއަރެންސްގެ ދަށުން ދޭން ޖެހޭ 60،000 ރުފިޔާ ސިލިންކޯ އިންޝުއަރެންސުން އެ ކުއްޖާގެ ބައްޕައާ ހަވާލުކޮށްފި އެވެ.

ސިލިންކޯގެ އެސިސްޓަންޓް މެނޭޖަރު ހުސެއިން ރަޒީން މިއަދު ވިދާޅުވީ ތާޑް ޕާޓީ އިންޝޫރެންސް ޕޮލިސީގެ ދަށުން އިންޝުއަރެންސް ކޮށްފައިވާ ކާރުން ޖެހި އައްޑޫ ހިތަދޫ ސަނީ ރޯޒް، އާމިނަތު ޒީޝާން، 13 މަރުވުމާ ގުޅިގެން އެ ފައިސާ އެ ކުއްޖާގެ ބައްޕަގެ އެކައުންޓަށް މިދިޔަ ބުރާސްފަތި ދުވަހު ޖަމާކޮށްދީފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ސްޓޭޓް ސްކެއާ ސަރަހައްދާ ކައިރީގައި ހިނގި އެ އެކްސިޑެންޓުގައި މަރުވި ޒީޝާން ހޮސްޕިޓަލަށް ގެންދިޔައި އިރު ވެސް ވަނީ މަރުވެފަ އެވެ.

ސިލިންކޯ އިން ބުނީ އުޅަނދަކުން އަނެކާ އަށް ނުވަތަ އަނެކާގެ އުޅަނދަކަށް ނޫނީ ތަންތަނާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލުދެވޭ ގޮތަށް ނަގާ އިންޝޫރެންސްއެއްކަމަށްވާ ތާޑް ޕާޓީ އިންޝޫރެންސް ޕޮލިސީގެ ދަށުން މިހާތަނަށް އެފަރާތުން މަރުވެގެން ދެ ފަހަރަކު އިންޝުއަރެންސަށްވާ ފައިސާ ދައްކާފައިވާ ކަމަށެވެ.

ތާޑް ޕާޓީ އިންޝުއަރެންސް ރާއްޖެ އަށް ތައާރަފްކުރި ފަހުން މިހާތަނަށް ސިލިންކޯ އިންޝުއަރެންސްގެ އިތުރުން އެލައިޑް އިންޝުއަރެންސާއި އަމާނާ ތަކާފުލް އާއި ސްރީލަންކަން އިންޝުއަރެންސް ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ.